މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް ނިންމައި، 64 މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓު ދައްކާގޮތުން އެ ކުއާޓަރުގައި އެމްޓީސީސީން ވަނީ 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި 35 މަޝްރޫޢެއްގެ މަސައްކަތް ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ.
މިދިޔަ ކުއާޓަރުގެތެރޭގައި އެކުންފުނިން 9 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާއިރު، އޭގެތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ ކުއާޓަރުގެތެރޭގައި ނިންމާފައިވާ މަޝްރޫޢުތަކުގެތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާއިރު، މީގެތެރޭގައި އިމާރަތްކުރުމުގެ 87 މަޝްރޫޢު، ބަނދަރު ހެދުމުގެ 71 މަޝްރޫޢު އަދި ބިން ހިއްކުމުގެ 32 މަޝްރޫޢު ހިމެނެއެވެ.
މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ދުވެލި ހަލުކުރުމަށް، އެމްޓީސީސީން މިދިޔަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން ދުވާލަކަށް 29 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުއާޓަރގައި 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 27.9 މިލިޔަން ރުފިޔާ ލިބިފައެވެ.