މިއަހަރުގެ ފުރަތަމަ 26 ހަފްތާ ނިމުނު އިރު، ބަޖެޓުން ސަބްސިޑީއަށް 1.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %19 ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން ނެރެފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 4.9 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 5.2 ބިލިޔަން ރުފިޔާއެވެ.
ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީއަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 1.6 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ.
ސަބްސިޑީއަށް ކޮށްފައިވާ ޚަރަދު ދަށްވެފައިވީނަމަވެސް އާސަންދައަށް ކޮށްފައިވާ ޚަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއީ %9.9 އިތުރު އަދަދެކެވެ.
މީގެ އިތުރުން ކައުންސިލްތަކަށް ދޭ ގްރާންޓުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 1 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 20.5 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިޔަން ރުފިޔާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.