ދިރާގުގެ "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން"ގެ ދަށުން ދެ ސްޕީޑް ބޯޓެއް ދިނުމަށް ނިންމައިފިއެވެ. މިފަހަރުގެ ޕްރޮމޯޝަންގެ ދަށުން ދޭ ސްޕީޑް ބޯޓުތަކަކީ 2.2 މިލިޔަން ރުފިޔާގެ އަގުހުރި އިނާމުތަކެއް ކަމަށް ދިރާގުން ވިދާޅުވިއެވެ.
ދިރާގު ކަސްޓަމަރުންނަށް އެންރޯލްކޮށްގެން މި ފަހަރު 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފިއެވެ. މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" އަދި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށް ކަމަށް ދިރާގުން ވިދާޅުވެއެވެ.
ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިފަހަރު ޕްރޮމޯޝަންގެ ތެރެއިން 2 ބޯޓު ކަސްޓަމަރުންނަށް ދޫކޮށްލާނެ ކަމަށެވެ. ދިރާގުން މިފަހަރު ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 6 މަހުން ސްޕީޑް ބޯޓެއް ދިނުމަށް ވަނީ ނިންމާފައެވެ.
" ކާމިޔާބީގެ މައްޗަށް ބަލާ، އަޅުގަނޑުމެން ނިންމީ ދޭނީ ދެ ސްޕީޑް ބޯޓޭ. އަޅުގަނޑު ފާހަގަކޮށްލަން ކޮންމެ 6 މަހަކުން ސްޕީޑް ބޯޓެއް ދޭނަން. އެހެންވީމަ ޖެނުއަރީގައި ނަގާނަން ލަކީ ޑްރޯއެއް. ޖުލައިގައިވެސް ނަގާނަން. މިދިޔަ އަހަރު ލޯންޗު ދިނުމުގެ ކަންތަކުގައި ހުރިހާ ސަރަހައްދަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެންމެންނަށްވެސް ވަރަށް ކަމުދާ އިނާމަކަށް މި އިނާމު ވެގެން ދިޔަ." މިރްޝާން ވިދާޅުވިއެވެ.
Not One, But 2! 🚤
— Dhiraagu (@Dhiraagu) August 3, 2025
Enrol and stand the chance to WIN an Al Shaali Canary 28 speedboat.
Enrol Now 👉 https://t.co/Qt7vHX8fbK#NotOneBut2 #DhiraaguWin2Speedboats pic.twitter.com/jUqUdj3uG7
ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ފަހިކޮށްދީފައެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ އަހަރު މާރިޗު މަހުގެ ނިޔަލަށް އެންރޯލްކުރެވޭނެ ކަމަށް ދިރާގުން ވިދާޅުވެއެވެ.
މިރުޝާން ވިދާޅުވީ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ހުޅުވާލާފައިވީ ނަމަވެސް އަވަހަށް ބައިވެރިވާ ފަރާތްތަކަށް އިނާމު ހޯދުމުގެ ބޮޑު ކަމަށެވެ.
"މި ޕްރޮމޯޝަންގައި އަވަހަށް ބައިވެރިވީމަ ޕްރޮމޯޝަންގެ ފުރުސަތު އިތުރުވެގެންދޭ. ކުރީ ކޮޅުގައި ބައިވެރިވާ ފަރާތްތަކަށް 4 ގުނަ އިތުރު ވެގެންދާނެ. ޕްރޮމޯޝަންގައި ބައިވެރިވެފައި އިތުރަށް ދިރާގު ޕޭއިގައި ރެޖިސްޓްރީ ވެފައިވާ ފަރާތެއް ނަމަ އިތުރު ބޯނަސް އެންޓްރީއެއްވެސް ލިބޭނެ." މިރްޝާން ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ލިބޭނީ ޔަމަހާ 250 ހޯސްޕަވަރ އިންޖީނަކާއެކުއެވެ. މިއިން ކޮންމެ ބޯޓަކީ 1.1 މިލިޔަން ރުފިޔާގެ އަގު ހުރި ބޯޓެއް ކަމަށް ދިރާގުން ވިދާޅުވިއެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭއިރު ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެންރޯލްކުރެވޭނެއެވެ.