ކުޅިވަރު

ބާސެލޯނާގެ ޓްރާންސްފާތަކާމެދު ރެއާލް ޖެހިލުންވޭ: ގަވީ


ޓްރާންސްފާ ތަކުގައި ވެސް ރެއާލް މެޑްރިން އުޅެނީ ބާސެލޯނާ އަށް ވުރެ ފަހަތުގައި ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު ގަވީ ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ ރެއާލްގެ މުއްސަނދި ކަމާއި ބާސެލޯނާގެ ދަށްވެފައިވާ މާލީ ހާލަތަށް ރިއާޔަތް ކޮށެވެ.

"އަހަރުމެންގެ ޓްރާންސްފާ ތަކަށް (ގެނައި ކުޅުންތެރިންނާ މެދު) އެ މީހުން މިހާރު ވެސް ޖެހިލުންވޭ. އަހަރެން ބުނާނީ ރެއާލް މެޑްރިޑަށް ވުރެ ބާސެލޯނާގެ ޓްރާންސްފާތައް ރަނގަޅޭ. އެމީހުން އެ ތިބެނީ އަހަރުމެން ހަދާ އެއްޗެއް ބަލަން،" ގަވީ ބުންޏެވެ.

އޭނާ މިހެން ބުނެފައިވާއިރު ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އަށް ގެނެސްފައިވަނީ ދެ ކުޅުންތެރިންނެވެ. އެއީ ގޯލްކީޕަރު ޖޯން ގާސިއާ އާއި ލޯނު އެއްބަސްވުމުގެ ދަށުން ގެނައި އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑެވެ. މިއާ ހިލާފަށް ރެއާލް މެޑްރިޑުން ވަނީ ލިވަޕޫލްގެ ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑާއި ބެންފިކާގެ ވާތު ބެކް އެންޓޯނިއޯ ކަރެރާސް އާއި އިނގިރޭސި ލީގުގައި ކުޅެމުންދިޔަ ސްޕޭނުގެ ޑިފެންޑަރު ޑީން ހުއިސެން ގަނެފެ އެވެ. ނަމަވެސް ރެއާލް އަށް ނުހޯދިގެން އުޅެނީ މޮޅު މިޑްފީލްޑަރެކެވެ. މިއާ ހިލާފަށް ބާސެލޯނާގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ގަވީ ވެސް ހިމެނޭ މިޑްފީލްޑް ލައިނެވެ. ދެ ޓީމުގެ އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ވެސް މެދުތެރެ އެވެ.

ކުރި އަށް އޮތް ސީޒަނަށް ބާސެލޯނާ އާއި ރެއާލް ތައްޔާރުވާއިރު ރެއާލްގެ ކޯޗު ވެސް ވަނީ ބަދަލުވެފަ އެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ކޯޗެއްގެ ގޮތުގައި ހުރި އިޓަލީގެ ކާލޯ އަންޗެލޯޓީ ވަކިކޮށް ކޯޗުކަން ވަނީ ޒަބީ އަލޮންސޯއާ ހަވާލުކޮށްފަ އެވެ.