ކުޅިވަރު

އަންހެނުންގެ ކޮޕާ އެމެރިކާ އަނެއްކާ ވެސް ބްރެޒިލަށް


އަންހެނުންގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނެއްކާ ވެސް ބްރެޒިލް ހޯދައިފި އެވެ.

ފައިނަލުގައި ބްރެޒިލް މޮޅުވީ ކޮލަމްބިއާއާ ވާދަކޮށް 4-4އިން މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5—4އިންނެވެ.

މި މެޗުގައި ތިން ފަހަރު މަތިން ކޮލަމްބިއާ ލީޑް ނެގި އެވެ. މިއިން ކޮންމެ ފަހަރަކު ވެސް ބްރެޒިލް އެއްވަރުކުރަމުން އައިސް އިތުރު ވަގުތުގައި ތަޖޔރިބާކާރު ފޯވަޑް މާޓާ ޖެހި ގޯލަށް ފަހު މެޗުން މޮޅުވާން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބްރެޒިލްގެ އާމަންޑާ ގުޓިއެރޭޒް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަހަރެންނަށް ހީވަނީ އަންހެނުންގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރަމުންދާ ކަމަށް. މި މުބާރާތް ވެސް މި ދަނީ ވާދަވެރިވަމުން. ކޮންމެ ބަޔަކަށް ވެސް މިހާ ވަރުގަދަ މެޗުތަކެއް މިހާރު އެބަ ލިބޭ. ކޮލަމްބިއާ އަށް އަހަރުމެން މަރުހަބާ ވެސް ކިޔަން. ބްރެޒިލް މި ވަނީ ތަށި ހޯދާފައި. މިއީ ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުގެ ނަތީޖާ. މިއީ ބްރެޒިލް މީހުންނަށް ހައްގު ކާމިޔާބީއެއް،" އާމަންޑާ ބުންޏެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 10 ޓީމު ވާދަކޮށް، އިކުއެޑޯގައި ކުރިއަށްދިޔަ ބަލިނުވެ ނިންމާލި ހަމައެކަނި ގައުމަކީ ވެސް ބްރެޒިލް އެވެ. މުބާރާތުގެ ތިން ވަނަ ލިބުނީ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން ބަލިވި އާޖެންޓީނާ އަށެވެ. އުރުގުއޭއާ ދެކޮޅަށް ކުޅުނު ތިން ވަނަ ހޮވި މެޗުން އާޖެންޓީނާ މޮޅުވީ މެޗު 2-2އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4އިންނެވެ.

ކޮޕާ އެމެރިކާގެ މި މުބާރާތަކީ 1991 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މިހާތަނަށް 10 ފަހަރު ބާއްވާފައިވާއިރު 2006 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކާމިޔާބު ކުރީ ބްރެޒިލް އެވެ. 2006ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އެވެ.

ބްރެޒިލް ވަނީ މިހާތަނަށް ބޭއްވި ކޮންމެ މުބާރާތެއްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އަދި މިއީ ކޮލަމްބިއާ މި މުބާރާތުގެ ފައިނަލް ކުޅުނު ތިން ވަނަ ފަހަރެވެ. އެ ގައުމު ވަނީ ފައިނަލްގައި ވެސް ބްރެޒިލް އަތުން 2010 އަދި 2014 ވަނަ އަހަރު ބަލިވެފަ އެވެ.