ޚަބަރު

20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓަކާ ހަވާލުކޮށްފި


  • މަސައްކަތް ހަވާލުކޮށްފަވަނީ ނެކްސިއާ މޯލްޑިވްސް

  • މަސައްކަތް އަންނަ ޖެނުއަރީ މަހަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފަވާ ދިވެހިރާއްޖޭގެ 20 އަހަރުގެ "ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލުމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކޮންސަލްޓަންޓަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ، ދިވެހި ކޮންސަލްޓެންސީ ފާމެއްކަމަށްވާ ނެކްސިއާ މޯލްޑިވްސްއާއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރިއާޔަތްކޮށް ޤައުމުގެ ބަދަލުވަމުންދާ އިގްތިޞާދީ، އިޖުތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ބޭނުންތަކަށް އަމާޒުކޮށް، ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ދާއިރާތަކުގެ ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލުމެވެ. މިގޮތުން، ކުރިއަށްއޮތް 20 އަހަރުތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތައް އަދި ޤައުމީ ތަރައްޤީގެ ރޭވުންތަކަށް މަގުދައްކައިދޭނެ އިސްތިރާޖީ އޮނިގަނޑަކަށް މިޕްލޭން ވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރައިން ވަނީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ދިވެހި ކޮންސަލްޓެންސީ ފާމެއްކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ނެކްސިއާ މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، މި ޕްލޭނަކީ ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ، ޤައުމުގެ ތަފާތު އެކި ބޭނުންތަކަށް އިޖާބަދޭ، އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށްގެން އެކުލަވާލެވޭ ޕްލޭނެއްކަން ކަށަވަރުކުރާނެއެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި މުޅި ރާއްޖެ ހިމެނޭގޮތަށް މަޝްވަރާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދާނެކަމަށް ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް އެކި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިކަމަށް އިސްކަމެއްދިނުމަކީ މި ޕްލޭން އެކުލަވައިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެކެވެ. މިގޮތުން ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ސިޔާސަތުތަށް އިސްލާހުކުރުމާއި، ޤައުމީ ފެންވަރުގެ ނިންމުންތަކަށް މަގުދައްކައިދޭނެ ފުރިހަމަ ދިގު މުއްދަތުގެ އިސްތިރާޖެއް މި ޕްލޭންގައި ހިމަނާނެއެވެ.

ޤައުމީ ޕްލޭން އެކުލަވާލުމަށް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ކޮންސަލްޓެންސީގެ ދާއިރާއިން 18 އަހަރަށްވުރެ ގިނަ އަހަރުގެ މަސައްކަތުގެ ތަޖުރިބާއާއެކު، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށްދިނުމާއި، އިސްތިރާޖީ ރޭވުންތެރިކަމުގެ ދާއިރާއިން އެކި ފެންވަރުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ނެކްސިއާއިން ބުނީ، ޕްލޭން އެކުލަވާލުމަށް ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ ބައްދަލުވުން 4 މަސްދުވަހުގެ ތެރޭގައިނިންމާނެކަމަށާއި، ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރާނެކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް، އެކި ދާއިރާތަކުން މީހުން ހިމަނައިގެން މީގެކުރިން ބައްދަލުވުންތަކެއް ވަނީ ކުރިއަށްގެންދަވާފައެވެ. ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މި ޕްލޭނަކީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭނެ ފައިދާހުރި އަދި ބިނާކުރަނިވި މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އަދި މި ޕްލޭންވެގެންދާނީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާއި، އެކިދާއިރާތަކުގެ ޚިޔާލާއި ހިއްސާއާއެކު ރާއްޖޭގެ ކުރިމަގުގެ ތަޞައްވުރު އެކުލަވާލުމަށްޓަކާ ހަދާ ޕްލޭނަކަށާއި، މިއީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ތައްޔާރުކާ ޕްލޭނެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.