މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި، ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މިޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ ޢަމަލެއްކަމަށެވެ.
އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ޙުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުންވަނީ މިބަޔާނުގައިވެސް ތަކުރާރުކުރައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނޭކަންވެސް މިބަޔާނުގައިވަނީ ތަކުރާރުކުރައްވާފައެވެ.