ކުޅިވަރު

އޭޝިޔާ ކަޕުގައި ނުކުޅެން ނުނިންމަން: އިންޑިޔާ


އަންނަ މަހު ފަށާ އޭޝިޔާ ކަޕުގައި އިންޑިޔާއިން ވާދަ ނުކުރާނެ ކަމަށް ދެކެވޭ ވާހަކަ އެ ގައުމުން ދޮގުކޮށްފި އެވެ.
ޑުބާއީގައި ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ފަށާ މުބާރާތުގައި އިންޑިޔާ ނުކުޅޭނެ ކަމަށް އެންމެ ބޮޑަށް މިހާތަނަށް ބުނަމުންދިޔައީ އަވަށްޓެރި ބަނގްލަދޭޝްއިންނެވެ.
އެ ގައުމުން މިހެން ބުނަމުންދަނީ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސްގެ މައްސަލާގަ އެވެ. އޭޝިޔާގެ މައި ކްރިކެޓް ޖަމިއްޔާގެ މިހާރުގެ ރައީސަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން އަދި ޕާކިސްތާން ސަރުކާރުގެ އިންޓީރިއާ މިނިސްޓަރި މޮހްސިން ނަގްވީ އެވެ.
ނަމަވެސް އިންޑިޔާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް ޑެވިޖީތް ސައިކިއާ ވިދާޅުވީ އެ ފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުގެ މީހަކު ކްރިކެޓް ބޯޑުގެ ޗެއާމަނަކަށް ހުރުމަކުން މުބާރާތް ކެންސަލް ކުރުމާ މެދު އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
ނަމަވެސް ޕާކިސްތާނާއި އިންޑިޔާގެ މައްސަލަ އަކީ ސަރަހައްދީ ކްރިކެޓްގެ ވެސް ބޮޑު މައްސަލައެކެވެ. ދެ ގައުމުގެ މެޗުތައް ކުޅެން ގިނަ ފަހަރު އެއްބަސް ވަނީ ވަރަށް ގިނަ މައްސަލަތަކަކަށް ފަހު އެވެ. މި ގޮތުން އިންޑިޔާގައި ބޭއްވި ވޯލްޑް ކަޕަށް ޕާކިސްތާނަށް ވިސާ ލިބުނީ ވެސް އައިސީސީ މެދުވެރިވެގެން އެތައް ޝަރުތުތަކަކާއެކުގަ އެވެ. އަދި ޕާކިސްތާނުގައި ބޭއްވި އޭޝިޔާ ކަޕުގައި އިންޑިޔާ ޓީމުން ޖާޒީގައި އިންޑިޔާގެ ލޯގޯ ނުޖަހަން ބާރު އެޅުމާއި ޕާކިސްތާނަށް މެޗުތައް ކުޅެން ނުދާން ވެގެން ގިނަ ބަހަނާތަކެއް ދެއްކި އެވެ.

އޭޝިޔާ ކަޕުގައި ވެސް ޕާކިސްތާނާއި އިންޑިޔާ ހިމެނެނީ އެއް ގްރޫޕެއްގަ އެވެ.