ކުޅިވަރު

ޓާސްޓެގަން އާއި ބާސެލޯނާ ސުލްހަވަނީ!


ބާސެލޯނާގެ ކެޕްޓަން އަދި ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އާއި ކުލަބާ ދެމެދު ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ފަށައިފި އެވެ.
މި ގޮތުން ޑިރެކްޓަރ އޮފް ފުޓްބޯލް ޑެކޯ މި ހަފުތާގައި ޓާސްޓެގަންއާ ބައްދަލުކުރާނެ އެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުނަމީ ސްޕެނިޝް ލީގަށް ހުށަހަޅާ ޓާސްޓެގަންގެ މެޑިކަލް ރިޕޯޓްތަކުގައި އޭނާ ލައްވައި ސޮއި ކުރަން އެއްބަސް ކުރުވުމެވެ.
ހުސްވި ސީޒަނުން ފެށިގެން ފެށިގެން އަނިޔާގެ ސަބަބުން ނުކުޅެ ހުރި ޓާސްޓެގަން ވަނީ މިދިޔަ ހަފުތާގައި އުނަގަނޑުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި އޮޕަރޭޝަނަށް ފަހު އަލުން ކުޅެން ނުކުމެވޭނެ ކަމަށް ޓާސްޓެގަން އިއުލާނުކޮށްފައިވަނީ ތިން މަސް ތެރޭގައި ކަމަށެވެ. ނަމަވެސް ބާސެލޯނާ އާއި އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނެފައިވަނީ މަދުވެގެން ހަތަރު ހަފުތާ އާއި ފަސް ހަފުތާ ވާނެ ކަމަށެވެ. މައްސަލް ޖެހިގެން އުޅޭ މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ.
ބާސެލޯނާއިން ބޭނުންވަނީ ޓާސްޓެގަން ނުކުޅެ ހުންނަން ޖެހުމާއެކު އޭނާގެ މުސާރައިގެ 80 ޕަސެންޓް އެހެން ކުޅުންތެރިން ސްޕެނިޝް ލީގުގައި ރަޖިސްޓްރީ ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް ޓާސްޓެގަން ހުރީ މިކަމަށް އެއްބާރުލުން ދޭ ގޮތަކަށް ނޫނެވެ. ސަބަބަކީ އޭނާ ވިއްކާލަން ނުވަތަ ކުލަބު ދޫކޮށް ދިއުމަށް ބާސެލޯނާއިން ބާރު އަޅަމުން ދިއުމެވެ.
މި ގޮތުން ބާސެލޯނާއިން ވަނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އަށް ފުރަތަމަ 11 އިން ފުރުސަތު ނުދޭން ނިންމައިފަ އެވެ. ހުސްވި ސީޒަނުގައި ސްޕެނިޝް ލީގުގައި އެންމެ މޮޅަށް ކުޅުނު ކީޕަރު އެސްޕަނިޔޯލްގެ ޖޯން ގާސިއާ ގަތީ އެއްވަނަ ކީޕަރުކަން ދޭ ގޮތަށެވެ. ދެ ވަނަ ކީޕަރަކަށް ހަމަޖައްސާފައިވަނީ ބާސެލޯނާއިން ތިން ތަށި ހޯދިއިރު ގޯލް ބެލެހެއްޓި ޕޮލެންޑްގެ ތަޖުރިބާކާރު ކީޕަރު ވޮޝްނިއާ ޝެޒްނީ އެވެ. ރިޓަޔާ ކޮށްގެން ހުރުމަށް ފަހު އޭނާ ބާސެލޯނާ އަށް ކުޅެން އައީ ޓާސްޓެގަން އަށް އަނިޔާވެ ސީޒަނުގައި ނުކުޅެވޭ ގޮތް ވުމުންނެވެ.
ބާސެލޯނާއިން މިހާރު ގަބޫލު ކުރަނީ ހުސްވި 10 އަހަރު އެ ކުލަބުގައި ހުރި ޓާސްޓެގަން އަލުން ކުރީގެ ފޯމަށް ނާންނާނެ ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮތުމާއެކު އޭނާ ހުރީ ކުލަބު ދޫކޮށްދާ ގޮތަކަށް ނޫނެވެ. އޭނާގެ މުސާރައިގެ 80 ޕަސެންޓް ބާސެލޯނާ އަށް ފްރީ ކުރެވެން އޮތީ މެޑިކަލް ފައިލްތަކުގައި އޭނާ ސޮއިކޮށްގެންނެވެ.
މިކަމަށް އެއްބަސް ކުރުވުމަށް ބާސެލޯނާއިން އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުނުލާނެ ކަމަށް ބެލެވެ އެވެ. އަދި އޭނާ ވެސް މި ލިޔެކިއުންތަކުގައި ސޮއިނުކޮށް އިތުރު މައްސަލަތަކެއް ފެންމަތި ނުކުރުމަށް ކުލަބުން ވަނީ އޭނާ އަށް ނަސޭހަތްދީފަ އެވެ.
ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އަލަށް ގެނައު ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ބައެއް ކުޅުންތެރިން ވަނީ ވިއްކާލަން ޖެހިފަ އެވެ. ނުވަތަ އާމްދަނީ ވަނީ އިތުރު ކުރަން ޖެހިފަ އެވެ.