ބަންކަރިން ޚިދުމަތުން 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމާށް ފަށާފައިވާ މަސައްކަތެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުގައި، މިދިޔަ އަހަރު ޚިދުމަތް ފެށުމަށް ފަހު ޑިސެމްބަރުގެ ނިޔަލަށް އެ ޚިދުމަތުން 44.9 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އޭގެ ފަހުން މިއަހަރު މަހުން މަހަށް ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުންނެވެ.
މިއަހަރު ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ގިނައިން ލިބިފައިވަނީ ފެބްރުއަރީ މާރިޗު އަދި އެޕްރީލް މަހުއެވެ. މި ތިން މަހުވެސް ލިބުނު އާމްދަނީ 20 މިލިޔަނަށް ވުރެ އިތުރެވެ.
- ޖަނަވަރީ - 10،008،987.54 ރުފިޔާ
- ފެބްރުއަރީ - 21،943،908.40 ރުފިޔާ
- މާރިޗު - 21،293،722.72 ރުފިޔާ
- އެޕްރީލް - 24،139،564.21 ރުފިޔާ
- މޭ - 8،040،384.56 ރުފިޔާ
- ޖޫން - 13،099،903.56 ރުފިޔާ
- ޖުލައި - 13،603،460.78 ރުފިޔާ
ބަންކަރިން ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާކަން އިޤްތިޞާދީ ވުޒާރާގެ ތަފާސް ހިސާބުތަކުން ސާފުވެއެވެ. އެގޮތުން މިއަހަރު އެކަނިވެސް މި ޚިދުމަތް ޖުމްލަ 112.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފަހު 4 މަސް ހިމަނައިގެން ޖުމްލަ އާމްދަނީ 157 މިލިޔަން ރުފިޔާ ހުރަސްކޮށްފައިވެއެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ބޭނުންކުރަމުންދަނީ 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ. ރާއްޖެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓާއި އެހެން ބޯޓުތަކަށް ތެޔޮ އަޅައި ދެނީ އެކި އެ ބޯޓު އޮންނަ ސަރަހައްދަކުންނެވެ. އެންމެ ގިނަ އަދަކަށް ޚިދުމަތް ދީފައިވަނީ މާލެ އަތޮޅު ސަރަހައްދުންނެވެ. މި ސަރަހައްދުން 128.7 މިލިޔަން ރުފިޔާގެ އާމްދަނީ ބަންކަރިން ޚިދުމަތުން ހޯދާފައިވެއެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. އެކުންފުނީގެ ބަންކަރިން މެޕްގައި ރާއްޖެ ހިމަނާފައިވާއިރު، މި ޚިދުމަތް ދިނުމަށް މުޅިން އަލަށް ލޯ-ސަލްފަރ އޮއިލް ނުވަތަ ވީއެލްއެސްއެފްއޯ ކިޔާ ތެލެއް ރާއްޖެ އެތެރެކުރަން ވަނީ ފަށާފައެވެ. މި ޚިދުމަތް ފެށިފަހުން ވީއެލްއެސްއެފްއޯ އެކަނި ވިއްކައިގެން މިމުއްދަތުގައި ހޯދި އާމްދަނީ އަކީ 132.5 މިލިޔަން ރުފިޔާއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ. ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ ޖީޑީޕީއަށް އިތުރު ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ.