ޚަބަރު

ފަތުރުވެރިންގެ އަދަދު 1.3 މިލިޔަނަށް، އަމާޒު ހާސިލްކުރަން މިލިޔަނެއް


  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

  • ދުވާލެއްގެ މައްޗަށް 6119 ފަތުރުވެރިން އާދޭ

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،315،495 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،202،579 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.4 އިތުރުވުމެކެވެ.

މިމަހުގެ ފުރަތަމަ 3 ދުވަހުވެސް ރާއްޖެއަށް 20،627 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %5.7 އިތުރުވުމެކެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް މިދިޔަ އަހަރާއި އަޅާބަލައިރު ދަނީ ކުރިއެރުންތައް ހޯދަމުންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

* ޗައިނާ: 194،159 ފަތުރުވެރިން
* ރަޝިއާ: 155،324 ފަތުރުވެރިން
* އިނގިރޭސިވިލާތް: 122،530 ފަތުރުވެރިން
* އިޓަލީވިލާތް: 93،819 ފަތުރުވެރިން
* ޖަރުމަނުވިލާތް: 92،240 ފަތުރުވެރިން

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު ދެން ބާކީ ބޭނުންވަނީ 1 މިލިޔަން ފަތުރުވެރިންނެވެ. ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންއެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6119 ފަތުރުވެރިން އާދެއެވެ. އަދި ވީއައިއޭގެ އައު ޓާމިނަލްއިން އެއަރލައިންތަކަށް ޚިދުމަތްދޭން ފެށުމުން މި އަދަދު އިތުރުވާނެއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ އަމާޒު ހާސިލްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.