ވާނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް ނިޒާމުގެތެރެއިން ޓެގް އަޅުވައި ދޫކޮށްލުމަށް 252 މީހުން ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދި ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ. ނަމަވެސް ޝަރީޢަށް ކުރިއަށް ނުގޮސް، އެތަކެއް އަހަރެއް ވަންދެން ޖަލުތަކުގައި މީހުން ތިބެންޖެހުމަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުގެ މުޢައްސަސާތަކުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ޓެގު އަޅުވާ މީހުން ދޫކުރަން ވަނީ ފަށާފައެވެ. މި ޓެގަކީ، މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ. އަދި ހުއްދަދީފައިވާ ސަރަޙައްދުން ބޭރަށްދާ ނަމަވެސް، މިޑިވައިސްއިން އެލަރޓްކުރާނެއެވެ. މިގޮތަށް ދޫކޮށްލާ މީހުންގެ ތެރޭގައި މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ ކަމަށް ދާޚީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފައިގައި ޓެގު އަޅުވާފައި މިހާތަނަށް 10 މީހަކު ދޫކޮށްފައިވެއެވެ.
- މެއި - 4 މީހުން ދޫކޮއްލި
- ޖޫން - 3 މީހުން ދޫކޮށްލި
- ޖުލައި - 2 މީހުން ދޫކޮށްލި
މީގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގެ ތުހުމަތުގައި ތިބި މީހުންނެވެ. ބާކީ 3 މީހުންނަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތު ހިމެނޭ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. ޕީޖީން ވަނީ މި 3 މީހުންނަކީ ސީދާ މާރާމާރީގައި ބައިވެރިވެފައި ނުވާ މީހުންކަން ކަށަވަރުކޮށްދީފައެވެ.
ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މީހާތަނަށް ބަންދުން ދޫކުރުމަށް 252 މީހުން ވަނީ އެދި ފޯމުހުށައަޅާފައެވެ. މީގެ ތެރެއިން 10 މީހަކު ދޫކޮށްލާފައިވާއިރު، 149 މީހެއްގެ އެސެސްމެންޓް ހެދުމަށް ފޮނުވާފައިވާކަމަށް ޕީޖީން ވިދާޅުވިއެވެ. އެސެސްމެންޓް ފުރިހަމަކުރި މީހުންގެ ތެރެއިން އެކަކާއި މެދު ގޮތެއް ނުނިންމިވާއިރު، 83 މީހުން ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 9 މީހެއްގެ ފޯމު ލިބި އެސެސްމެންޓަށް ފޮނުވުމުގެ މަރުހަލާގައިވާކަމަށް ޕީޖީން މައުލޫމާތު ދެއްވައެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ހުށަހަޅަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. މިކަމަށް އެދޭ ފޯމު އޮންލައިންކޮށް އަދި ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުން ލިބޭނެއެވެ.
ޓެގުއެޅުވުމަށްފަހު މީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަށް ރިޢާޔަތްކޮށެވެ. މިނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރާނެއެވެ.