ޚަބަރު

ގައިދީން މަސައްކަތްކުރުމުން ދޭ އެލަވަންސް 20 އަހަރު ފަހުން ބޮޑުކޮށްފި


  • މީގެކުރިން ގައިދީންނަށް ދުވާލަކު އާންމުކޮށްދެނީ ކުރާ މަސައްކަތަށް 30 ރުފިޔާ

  • މިހާރު އެންމެ ކުޑަކޮށްވެސް ދުވާލަކަށް 50 ރުފިޔާ ލިބޭނެ

  • ގައިދީންގެ އެލަވަންސް ބޮޑުމިކުރީ ގާތްގަނޑަކަށް 20 އަހަރު ފަހުން

ގައިދީންގެ ގޮތުގައި ޙުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން މަސައްކަތްކުރާ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފިއެވެ.

މަސައްކަތް ކުރުމުން ގައިދީންނަށް ދެމުންދިޔަ އެލަވަންސް ބޮޑުކޮށްފައި މިވަނީ އެލަވަންސްތައް މުރާޖާކުރުމަށްފަހު ކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއެވެ.

ޖަލު ޙުކުމްތަކުގައި ގިނަ އަހަރުތަކެއް ވަންދެން ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޖަލުގައި މަސައްކަތް ކުރުމަށް އޮންނަ ފުރުޞަތުގެ ބޭނުންހިފައެވެ. އެގޮތުން އެކި ގްރޭޑް ތަކަކަށް ބަހާލެވިގެން އެކި ކަހަލަ މަސައްކަތްތައް ގައިދީން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ވެލްޑިންކުރުމާއި، އަތްތެރި މަސައްކަތާއި، ދަނޑު ހެއްދުމާއި، ސިމެންތި ޖެހުމާއި، ލޯންޑްރީގެ މަސައްކަތްތަކާއި މިނޫންވެސް ޔުނިޓުތަކުގެ އެކި މަސައްކަތްތައް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ގައިދީން ކުރާ މަސައްކަތަށް މިހާރު ދެމުންދަނީ މީގެ 20 އަހަރު ކުރިން ފެށިގެން، ކަނޑައާޅާފައިވާ އެލަވަންސްތަކެއްކަމަށެވެ.

އެހެންކަމުން އެލަވަންސްތައް އެއީ މިހާރަށް ފެތޭ އަދި ކުޑަ އެލަވަންސްތަކެއްކަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޤަބޫލުކުރެވޭތީ، އެލަވަންސްތައް މުރާޖާކުރުމަށްފަހު ގެނައި ބަދަލެއްކަމަށް އެސަރވިސްއިން ވިދާޅުވެއެވެ. އެކި ގްރޭޑް ތަކަށް ބަހާލައިގެން ގައިދީންކުރާ މަސައްކަތަށް އެންމެ ދަށް މިންވަރެއްގެ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 50 ރުފިޔާވަނީ ކަނޑައަޅާފައެވެ. އަދި އެންމެ މަތީ އަގަކީ ދުވާލަކަށް 150 ރުފިޔާކަން ކަނޑައަޅައި އެގޮތަށް ވަނީ ހަމަޖައްސާފައެވެ.

ގައިދީން ކުރާ މަސައްކަތްތަކަށް މީގެކުރިން ދެމުންދިޔައީ ދުވާލަކަށް 30 ރުފިޔާގެ އުސޫލުންނެވެ. އަދި ބައެއް ޚާއްސަ މަޝްރޫޢުތަކާއި ގުޅިގެން ކުރާ މަސައްކަތްތަކަށް އިތުރު އެލަވަންސެއް އޭރުވެސް ދެވޭކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. އަދި މިބަދަލަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ 16 އިން ފެށިގެންނެވެ.

ޖަލުގައި ދިގުމުއްދަތަކަށް ޙުކުމް ތަންފީޒުކުރާ މީހުން އެނބުރި މުޖުތަމަޢަށް ނުކުންނައިރު އެމީހުންނަކީ މަސައްކަތްތެރި އަދި ހުނަރުތަކެއް ދަސްވެފައިވާ ބަޔަކަށް ހެދުމަށް އެކި ބާވަތުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ޖަލުގައި އަންނަނީ ހިންގަމުންނެވެ. އަދި ގައިދީން އުފައްދާ އެކި ހުނަރުވެރި އުފެއްދުންތައް ދައްކާލުމަށް އެކި ދުވަސްވަރު އެކި ކަހަލަ އެގްޒިބިޝަންތައް ބާއްވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޖަލުގައި އުފައްދާ އެކި ބާވަތުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ގައިދީންގެ އަތްތެރި މަސައްކަތްތައް ދައްކާލުމަށް އެގްޒިބިޝަންތައްވަނީ މީގެކުރިންވެސް ބާއްވާފައެވެ.