މަސްވެރިންގެ ލާބައާއި މަންފާއަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ދަނީ ކަނދުފަތި އަޅަމުންނެވެ. ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. މި ކަނދުފަތިތަކުގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ވަދު ކަނދުފައްޗަށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް ވަދު ކަނދުފަތި އެޅުމަށް 38 ރިކުއެސްޓް އައިސްފައިވާކަމަށެވެ. މީގެތެރެއިން މިހާތަނަށް 9 ކަނދުފަތި އަޅާފައިވާކަމަށެވެ.
މި ހަފްތާގައި އެ ވުޒާރާއިން ވަނީ މ.ކޮޅުފުށީ ކައިރީގައި މުޅިން އަލަށް ވަދު ކަނދުފައްޗެއް އަޅާފައެވެ. މި ކަނދުފަތި އަޅާފައިވަނީ މ. ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައެވެ.
ވަދު ކަނދުފަތި ނަންބަރު: K09V03
— Ministry of Fisheries and Ocean Resources (@MFORmv) August 4, 2025
04 އޯގަސްޓް 2025 ވަނަ ދުވަހު މ.ކޮޅުފުށީ ވަދު ކަނދުފަތި، މ.ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި ޤާއިމްކޮށްފި. pic.twitter.com/PZk1vU6p2v
ރާއްޖޭގެ ކަނދުފަތީގެ ވިއުގައިގައި މިވަގުތު އޮތީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި، 37 ވަދު ކަނދުފައްޗެވެ.
ދޮށީގެ ކަނދުފައްޗަށް ރިކުއެސްޓް ނައިނަމަވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކަނޑައިގެންދާ ދޮށީ ކަނދުފަތިތައް އައު ކުރަމުންނެވެ. އެގޮތުން މި ހަފްތާގައި ވަނީ ތ.ވިލުފުށީ ދޮށީ ކަނދުފަތި ކަނޑައިގެން ދިއުމުން އައުކޮށްފައެވެ. މި ކަނދުފަތި އަޅާފައިވަނީ ވިލުފުށީ އިރުން 10 މޭލު ބޭރުގައެވެ.
މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.