ޚަބަރު

ފުވައްމުލަކުގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި


  • މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ ދަންވަރު 2:40 ހާއިރު

  • ކުއްޖާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދަންވަރު 03:38 ކަންހާއިރު

އެކްސިޑެންޓެއްގައި ފުވައްމުލައް ސިޓީން 17 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގައި ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. މި ޙާދިސާގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަޢިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.

ރޭ ދަންވަރު ވަގުތެއްގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ އެކްސިޑެންޓު ހިނގީ ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންކަމަށެވެ. މިހާދިސާ ރިޕޯޓްކޮށްފައިވަނީ ދަންވަރު 2:40 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންްޓުގައި ނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވީ، އެކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ދަންވަރު 03:38 އެހާކަންހާއިރުކަމަށެވެ.