ކުޅިވަރު

ޓާ ސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަންކަން އަތުލައިފި


ޖަރުމަނުގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަންކަން ވަގުތީ ގޮތުން އަތުލައިފިއެވެ.

ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރު އަތުން ކެޕްޓަންކަން އަތުލީ އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް އެ ކުލަބުން ބަލަން ފެށުމުންނެވެ. ބާސެލޯނާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލަ ބަލައި ނިމެންދެން ކެޕްޓަންގެ ޒިންމާ އަދާކުރާނީ ޓީމުގެ ހަތަރު ވައިސް ކެޕްޓަނުންގެ ތެރެއިން ފުރަތަމަ ވައިސް ކެޕްޓަން ރޮނަލްޑް އަރައުހޯ ކަމަށެވެ. ވައިސް ކެޕްޓަނުންގެ ގޮތުގައި ދެން ތިބީ ނެދަލަންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އާއި ސްޕެއިނުގެ ޕެޑްރީ އާއި ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ.

ބާސެލޯނާއިން ޓާ ސްޓެގަންގެ ޑިސިޕްލިނަރީ މައްސަލަ ބަލަން ފެށީ ސްޕެނިޝް ލީގަށް ހުށަހަޅަން ޖެހޭ އޭނާގެ މެޑިކަލް ރިޕޯޓްސްތަކުގައި ސޮއި ނުކުރުމުންނެވެ. ހުސްވި ސީޒަނުގައި އެއްކޮށް ނުކުޅެ ހުރި ކީޕަރު ވަނީ ހުސްވި ހަފުތާގައި އުނގަނޑުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ރިޕޯޓްގައި ވަނީ ޓާ ސްޓެގަން އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ މަދުވެގެން ހަތަރެއް ނުވަތަ ފަސް ހަފުތާއިން ކަމަށެވެ. ނަމަވެސް ޓާ ސްޓެގަން ބުނަނީ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ކުޅުމުގެ ތެރެ އަށް އާދެވޭނެ ކަމަށެވެ. އަދި އޭނާ ވަނީ ސްޕެނިޝް ލީގަށް ހުށަހަޅަން އުޅުނު މެޑިކަލް ރިޕޯޓްތަކުގައި ސޮއި ކުރަން ދެކޮޅު ހަދައިފަ އެވެ. މީގެ އިތުރުން އޭނާގެ އޮޕަރޭޝަނުގެ ކަންކަމުގައި އާއި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ބާސެލޯނާގެ ޑޮކްޓަރުންނާ ވެސް ހިއްސާ ނުކުރެ އެވެ.

ބާސެލޯނާ އާއި ޓާ ސްޓެގަންއާ މައްސަލަ ޖެހުނީ އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވި އަހަރެއް ފާއިތުވުމުން އެ ކުލަބުން ކުރި އަށް އޮތް ސީޒަނަށް އޭނާގެ ނުގަބޫލުގައި ޒުވާން ގޯލްކީޕަރު ޖޯން ގާސިއާ ގަތުމުންނެވެ. އަދި އެއްވަނަ ކީޕަރުކަން އެސްޕަނިޔޯލް އަށް ކުޅުނު ޖޯން ގާސިއާ އަށް ދޭން ނިންމުމުންނެވެ. ދެ ވަނަ ކީޕަރުކަން ދޭން ނިންމީ ހުސްވި ސީޒަނުގައި ފަހު ބައިގައި ގޯލް ބެލެހެއްޓި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮސިއެޗް ޝެޒްނީ އަށެވެ. ކުލަބުން ޓާ ސްޓެގަން އަށް އަންގާފައިވަނީ އޭނާ އަށް އޮތީ ދެ ގޮތް ކަމަށެވެ. އެއީ ތިން ވަނަ ކިޕަރުގެ ގޮތުގައި މަޑުކުރުން ނުވަތަ އެހެން ކުލަބަކަށް ދިއުން ކަމަށެވެ.

ނަމަވެސް މިއީ އުމުރުން 33 އަހަރުގެ ކީޕަރު ހިތްހަމަ ނުޖެހުނު ކަމެކެވެ. އޭނާ ބޭނުންވަނީ އެއްވަނަ ކީޕަރުގެ ގޮތުގައި ދެމިހުރުމަށެވެ. ޓާ ސްޓެގަން މެޑިކަލް ރިޕޯޓްތަކުގައި ސޮއި ކުރީ މިކަމާ ހިތްހަމަނުޖެހިގެން ބާސެލޯނާގެ އައު ކީޕަރާއި އެހެން ކުޅުންތެރިން ރަޖިސްޓަރ ކުރަން ދަތި ކުރުމުގެ ގޮތުންނެވެ. ކުލަބުން މަސައްކަތް ކުރީ ޓާ ސްޓެގަންގެ މެޑިކަލް ރިޕޯޓްތައް ހުށަހަޅައިގެން އޭނާގެ މުސާރައިގެ 80 ޕަސެންޓް ކުލަބުގެ މުސާރަ ޝީޓްނުގައި ނުހިމެނޭ ގޮތް ހެދުމަށެވެ. އޭރުން އަލަށް ގެނައި ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ އެވެ. ސަބަބަކީ ޓާ ސްޓެގަން އަކީ ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ވުމުންނެވެ. ނަމަވެސް އޭނާގެ ސޮއި ނެތި ސްޕެނިޝް ލީގުން ވަނީ ރިޕޯޓްތައް ބަލައި ނުގަތުމަށް ނިންމާފަ އެވެ.

ބާސެލޯނާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި ވަނީ ދަތިތަކެއް ދިމާވެފަ އެވެ. ޓާ ސްޓެގަން ބޭނުންވީ މި އުނދަގޫތަކުގެ ތެރޭގައި ބާސެލޯނާ އިތުރަށް ތާށި ކޮށްލުމަށެވެ. ނަމަވެސް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ޓާ ސްޓެގަންގެ މުސާރައިގެ 80 ޕަސެންޓް މުސާރަ ޝީޓުން އުނިނުކޮށް ވެސް ބާސެލޯނާއިން ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ގޮތް ހޯދާނެ ކަމަށެވެ.

ބާސެލޯނާއިން ޓާ ސްޓެގަންގެ ބަދަލުގައި އައު ކީޕަރަކު ހޯދީ އޭނާ އަށް ކުރީގެ ފޯމަށް އާދެވޭނެ ކަމަށް ނުދެކޭތީ އެވެ. އެއީ އުނގަނޑު އޮޕަރޭޝަން ކުރަން ޖެހިފައިވަނިކޮށް ފަޔަށް އަނިޔާވެ އަހަރެއްހާ ދުވަހު ނުކުޅެ ހުންނަން ޖެހުމުން ކުރީގެ ފޯމަށް އޭނާ އަށް ނާދެވޭނެ ކަމަށް ބަލައިފަ އެވެ.