ޚަބަރު

ޔޫކޭ ކޯޓަކުން ހުކުމްކުރި މީހާއަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން


  • ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން

  • މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުފެތުުރުމަށް އިލްތިމާސްކޮށްފަ

ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސިވިލާތުގެ ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.

ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށްލާން ހުކުމްކުރި ރާއްޖެއަށް ނިސްބަތްވާ މީހަކީ އުމުރުން 36 އަހަރުގެ ސުންދަރަލިންގަމް ކޫޑަލިންގަމް ކިޔާ މީހެކެވެ.

ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުފެތުުރުމަށް އިލްތިމާސްކޮށްފައެވެ.