ޖަރުމަނުގެ ބުންޑެސްލީގާގެ ކްލަބް އާރުބީ ލައިޕްޒިގްގެ ފޯވަޑް ބެންޖަމިން ސެސްކޯ 74 މިލިއަން ޕައުންޑުގެ ފީ އަކަށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ސެސްކޯ ވިއްކާލުމަށް ލައިޕްޒިގް އިން އެއްބަސްވެފައިވާއިރު އޭނާ މިއަދު މެންޗެސްޓަރ ޔުނައިޓެޑްގެ މެޑިކަލް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ޔުނައިޓެޑާއި ލައިޕްޒިގް އެއްބަސްވެފައިވާ ގޮތުން އެ ކްލަބަށް 66.3 މިލިއަން ޕައުންޑް ފުރަތަމަ ލިބިގެންދާއިރު ބާކީ ފައިސާ އަކީ އެޑްއޮންގެ ގޮތުގައި ލިބިގެންދާނެ ފައިސާ އެވެ.
ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް ގެންދިޔަ ތިންވަނަ ފޯވަޑެވެ. މީގެ ކުރިން އެ ކްލަބުން ވަނީ މެތިއުސް ކޫނިޔާ އާއި ބްރަޔަން އެމްބުއޭމޯ އެ ކްލަބަށް ގެންގޮސްފަ އެވެ. މި ތިން ކުޅުންތެރިން ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން ޖުމްލަ 204 މިލިއަން ޕައުންޑު ވަނީ ހޭދަކޮށްފަ އެވެ.
ތިން ފޯވަޑުން މެންޗެސްޓަރ ޔުނައިޓެޑަށް ގެންގޮސްފައިވާއިރު އެ ކްލަބުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މާކަސް ރަޝްފޯޑް ބާސެލޯނާއަށް ދޫކޮށްލާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ރަޝްފޯޑަށް މުސާރައިގެ ގޮތުގައި ހަފްތާއަކު ދޭ 325,000 ޕައުންޑް ދޭނީ ބާސެލޯނާ އިންނެވެ. މީގެ އިތުރުން ރަސްމުސް ހޮއިލަންޑް އާއި އަލެހަންދްރޯ ގަރްނާޗޯ ވިއްކާލުމަށް ޔުނައިޓެޑް އިން ވަނީ ނިންމާފަ އެވެ.
2022 ވަނަ އަހަރު ލައިޕްޒިގް އަށް ބަދަލުވި ސެސްކޯ ވަނީ އެ ކްލަބަށް ކުޅެދިން 87 މެޗުގައި ޖުމްލަ 39 ލަނޑު ޖަހާފަ އެވެ. އަދި ޔުނައިޓެޑް އިން އޭނާގެ ސޮއި ހޯދިއިރު ޕްރިމިއާ ލީގުގެ ކްލަބް ނިއުކާސަލް ޔުނައިޓެޑް އިންވެސް ވަނީ ސެސްކޯ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
ސްލޮވޭނިއާ އަށް އުފަން ސެސްކޯގެ ސޮއި ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ހިލާލް އިން ވެސް ވަނީ މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާ ބޭނުންވީ ޔޫރަޕްގެ ކްލަބެއްގައި މަޑު ކުރުމަށެވެ.