އަސާސީ ޚިދުމަތްތަކުގެ އަގުތައް %2.99 ދަށަށް ގޮސްފައިވާކަމަށް ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ކޮންސިއުމަރ ޕްރައިސް ރިޕޯޓުން ދައްކައިފިއެވެ. ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ތައްޔާރުކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުން ފެށިގެން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށެވެ.
ކޮންސިއުމާ ޕްރައިސް އިންޑެކްސް، ސީޕީއައިއަކީ އެވަރެޖްކޮށް ރާއްޖޭގައި މީހުން ބޭނުންކޮށްއުޅޭ ތަކެއްޗާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. ސީޕީއައި އެންމެ އާއްމުކޮށް ބޭނުންކުރަނީ އިންފްލޭޝަން ރޭޓް ނުވަތަ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. މީގެ އިތުރުން، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ސިޔާސަތުތަށް ދިރާސާކުރުމަށްވެސް ސީޕީއައި ބޭނުންކުރެއެވެ.
ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީއަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ހެދުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.
ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ދިވެހިރާއްޖޭގެ ބާޒާރުގައި މުދަލާ ތަކެތީގެ އަގުތައް ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބަށް ބަލާއިރު، ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ޚިދުމަތަކުގެ އަގުތަށް ވަނީ ދަށަށްގޮސްފައެވެ. އެގޮތުން ފެން، ކަރަންޓް، އަދި ގޭހާއި، ތެލުގެ އަގުތައް ވަނީ ޖުމްލަ ގޮތެއްގައި %2.99 ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަސާސީ ޚިދުމަތްތަކުގެ އަގުތައް މައިގަނޑު ގޮތެއްގައި ދަށަށް ގޮސްފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލާއި ކަރަންޓްގެ އަގު ހެޔޮވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަގުތައް އެންމެބޮޑަށް މައްޗަށް ގޮސްފައިވަނީ ދުންފަތުގެ ބާވަތްތަކުންނެވެ. ދެން އަގުތައް މައްޗަށްގޮސްފައިވަނީ ހޮޓާ ރެސްޓޯރެންޓްގެ ބައިންނެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން އަގުތައް %55.94 އުފުލިފައިވާއިރު، ރެސްޓޯރެންޓާއި ހޮޓާތަކުންދޭ ހިދުމަތްތަކުގެ އަގުތައް ވަނީ %29.26 އުފުލިފައެވެ.
ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ސީޕީއައި ރިޕޯޓުގައި މިދިޔަ ޖޫން މަހު ރާއްޖޭގެ ބާޒާރުގައި މުދަލާ ތަކެތީގެ އަގުތައް ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބުތައްވެސް ވަނީ ހިމަނާފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ކަރަންޓުގެ އަގެވެ. އެގޮތުން ޖޫން މަހުގެ ކަރަންޓް ބިލްތަކުން %3.18 ވަނީ ދަށަށް ގޮަސްފައެވެ.
* މަސް - %1.20
* ގޭގައި ހިފާ ގެންގުޅޭ ސާމާނު - %2.34
* ރެކޯޑިންއާ ގުޅޭ ސާމާނު - %1.88
* މަތިންދާ ބޯޓް ޓިކެޓް - %0.73
* ސައިކަލް - %0.32
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ މޭވާއާއި ކިރު އަދި ކިރުން އުފައްދާ ބާވަތްތަކުގެ އަގުތަކެވެ. އެގޮތުން ޖޫން މަހު މޭވާގެ އަގުތައް %3.20، ކިރާއި ކިރުގެ ބާވަތްތައް އަދި ކުޅުޅު ބިހުގެ އަގުތައް ވަނީ %1.22، އަދި ތަރުކާރީގެ އަގުތައް ވަނީ %0.83 އުފުލިފައެވެ.
މިއަހަރަށް ފާސްކުރި ބަޖެޓަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ފޮނުވި ލަފާގައި މިއަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ލަފާކޮށްފައެވެ. މަރުކަޒީ ބޭންކުން އަންދާޒާގައިވާގޮތުގައި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު އޭޕްރީލު މަހުގައި ތަންފީޒުކުރުމުން މިއަހަރު %0.8 ހުރި އިންފުލޭޝަން އަންނަ އަހަރު %3.9އަށް މަތިވާނެއެވެ.
އެހެންނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ އިންފުލޭޝަން އެއަށްވުރެ ބޮޑަށް މަތިނުވާނެ ކަމަށް ބަލާފައިވަނީ މާލީ އިސްލާހުތަކާއެކު ސަރުކާރުން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެހީތެރިކަމާއި ދުނިޔޭގެ ބާޒާރުގައި މިހާރު މުދަލާއި ހިދުމަތުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށްކަމުގައެވެ.