މާލޭ ޕޯޓަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ރިޝްވާން މިހެން ވިދާޅުވީ ނޯތު ހާބަރއަށް އެމްޕީއެލްއިން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުންނެއެވެ.
ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ، މެނޭޖުކުރުމަށް ތިލަފުށީގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ ފަރާތުން ކުންފުނީގެ މުވައްޒަފުންނެވެ. މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.
ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭގޮތަށް ކުރިއަށްގެންދާ ޕްރޮޖެކްޓަކީ މީގެ މުހިންމު ބައެކެވެ. ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް މިހާރު ބަހައްޓަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިއީ އެ މަސައްކަތަށް ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށްވުމާއެކު، މީގެ ސަބަބުން މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވެ ކަމަށެވެ. އެހެންނަމަވެސް ހުސް ކޮންޓެއިނަރތައް ބަހައްޓާއި ސަރަހައްދު އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޝްވާން ވިދާޅުވިއެވެ. ރިޝްވާން ވިދާޅުވީ ހުސްކޮންޓެއިނަރތައް ބެހެއްޓުމަށް ހަދާ ސަރަހައްދުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް ދާކަމަށެވެ. އެގޮތުން މަސައްކަތް ނިންމާ އަންނަ މަހުގެ ނިޔަލަށް ކޮންޓެއިނަރތައް ގެންދަން ފެށޭނެކަމަށް ރިޝްވާން ވިދާޅުވިއެވެ.
"ހުސް ކޮންޓެއިނަރތައް ބެހެއްޓުމުގެ ސަބަބުން ޕޯޓުގެވެސް ވަރަށް ބޮޑު ޖާގައެެއް އެބަ ގެއްލޭ. އަޅުގަނޑުމެން ވަނީ އަންގާފައި މިހާރު އެތަން އަވަހަށް ނިންމުމަށް. އޭރުން އަންނަ މަހުގެ ނިޔަލަށް ހުސްކުރާ ކޮންޓެއިނަރތައް ތިލަފުއްޓައް ގެންދެވެން ފެށޭނެ" ރިޝްވާން ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޕޯޓުގެ ޚިދުމަތްތައްވެސް އަންނަނީ ބާރުބޮޑުވަމުންނެވެ. އެމްޕީއެލްއިން ވިދާޅުވީ މާލޭގެ ޕޯޓުގެ ޖާގައިގެ ދަތިކަމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުއިރިއިރު، މި އިތުރުވަމުންދާ އިތުރުވުމާއެކު މަސައްކަތުގެ މާޙައުލުގެ ރިސްކްވެސް ބޮޑުވަމުންދާކަމަށެވެ. ނަމަވެސް ސަރުކާރުން މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްދާ މަޝްރޫޢުއާއެކު މިކަމަށް ޙައްލު ލިބިގެންދާނެއެވެ.