ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި


  • އެއްބަސްވުމުގައި ސޮއިކުރުމުހެ މަސައްކަތް ކުރަމުންދަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާފައެވެ. މިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެފްޑީސީން ވިދާޅުވީ މިހާތަނަށް 640 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާފައިވާކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ.

ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތަކާއެކުވެސް އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ލިޔެކިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. ސޮއިކުރުން އަވަސްކުރުމަށް ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 10 ވަރަކަށް ކައުންޓަރުން ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން އަންގާނެއެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އަމާޒު ހިފާފައިވާކަމަށް އެފްޑީސީން ވިދާޅުވެއެވެ.