ބާސެލޯނާގެ ފަހަތުގައި އެންމެ އިތުބާރު ކުޅުމެއް ދެއްކި ދިފާއީ ކުޅުންތެރިޔާ އިނިގޯ މާޓިނޭޒް ސައޫދީ އަރަބިއާގެ އައް ނަސްރަށް ބަދަލުވެއްޖެ އެވެ.
އޭނާ އައް ނަސްރަށް ބަދަލުވީ ހިލޭ ޓްރާންސްފާ އެއްފަ އެވެ. އެއީ އޭނާގެ ކޮންޓްރެކްޓް ބާސެލޯނާއިން އުވާލުމުންނެވެ. އެ ކުލަބުން މިކަން ކުރީ މާޓިނޭޒާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތް ނަމަވެސް އަރަބި ގައުމަކުން އޮފާއެއް ލިބިއްޖެނަމަ ހިލޭ އެ ކުލަބަށް ދެވިދާނެ ކަމަށް އޭނާގެ ކޮންޓްރެކްޓްގައި ލިޔެފައިވާ މާއްދާގެ ދަށުންނެވެ.
2023 ވަނަ އަހަރު އެތްލެޓިކް ބިލްބާއޯއިން ބާސެލޯނާ އަށް ގަތް އިނިގޯ މާޓިނޭޒަކީ ހުސްވި ސީޒަނުގައި ތިން ތަށި ބާސެލޯނާ ކާމިޔާބުކުރިއިރު އެންމެ މޮޅަށް ކުޅުނު ޑިފެންޑަރެވެ. ވަރަށް ކުއްލި ގޮތަކަށް އޭނާ ކުލަބުން ދާން ބޭނުންވުމުން އެކަމަށް ބާސެލޯނާ އެއްބަސްވީ ތަފާތު ސަބަބުތަކަކާހެދި އެވެ. އެއީ އޭނާ ހިނގައްޖެނަމަ މުސާރަ ޝީޓުނ 12 މިލިއަން ޔޫރޯގެ ޖާގަ ހުސްވި އެހެން ކުޅުންތެރިން ރަޖިސްޓަރ ކުރަން އެ ޖާގަ ބޭނުން ކުރެވޭނެތީ އެވެ. ދެން އޮތް ކަމަކީ އޭނާގެ އުމުރުން 35 އަހަރުވެފައިވުމާއި އިތުރު އަހަރަކު ކުޅުވަން އޭނާ ބަހައްޓައިފިނަމަ އުމުރުން 36 އަހަރުގައި މާޓިނޭޒް ގަންނާން ކުލަބެއް ބާސެލޯނާ އަށް ނުހޯދިދާނެ ކަމުގެ ބިރު އޮތުމެވެ. މީގެ އިތުރުން ފަހަތަށް ކުޅޭނެ މޮޅު ޒުވާން ކުޅުންތެރިން ކުލަބުގައި ތިބުމެވެ.
މާޓިނޭޒް ބޭނުންވީ ކެރިއަރުގެ ފަހު ދުވަސްކޮޅު ސައޫދީ ފަދަ ގައުމެއްގައި ކުޅެ ފައިސާ ހޯދުމަށެވެ. އައް ނަސްރަށް އޭނާ ގެންދިޔައީ އެކުލަބަށް ކުޅުނު ސްޕޭނުގެ ޑިފެންޑަރު އެމެރިކް ލަޕޯޓް ސްޕޭންގައި ކުޅެން ބޭނުންވުމުންނެވެ. މީގެ އިތުރުން އުމުރު މަތިވެފައިވުމާއި އަދި ސްޕޭނުގެ ގައުމީ ޓީމުގައި ވެސް ޒުވާން މޮޅު ޑިފެންޑަރުން ތިބުމުން ގައުމީ ޓީމުން ޖާގައެއް ލިބިދާނެ ކަމަށް އޭނާ އުއްމީދެއް ނުކުރެ އެވެ. މިއީ ވެސް ބާސެލޯނާ ދޫކޮށްލި ސަބަބެކެވެ. ބާސެލޯނާ އަށް 48 މެޗު ކުޅެދިން މާޓިނޭޒް ވަނީ ސްޕޭނުގެ ގައުމީ ޓީމަށް 21 މެޗު ކުޅެ އެއް ގޯލު ޖަހައިފަ އެވެ.