ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުތަކެއް ހުށައެޅީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި އިސްލާހުތަކުގައި މާލީ މުޢާމަލާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފަވަރަ ޕޭމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި ބާރުތަކެއް އެ އޮތޯރިޓީއަށް ދީފައިވެއެވެ.
ބިލުގައި ހިމަނުއްވާފައިވާ އެންމެ މުހިންމު އެއް ބަޔަކީ ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރ.އެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކުރާ ބައެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ބާރު އެމްއެމްއޭއަށް ލިބިދީފައިނުވެއެވެ.
ނަމަވެސް ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިދިނުމުން ކުންފުންޏެއް މެދުވެރިކޮށް ފަވަރަ ސިސްޓަމް އިތުރަށް ހަރުދަނާކުރެވި، ތަރައްޤީކުރެވޭނެކަމަށް މަޖިލީހުގެ މެންބަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ ރާއްޖެ ކުރިއަރަމުން ތަރައްޤީވަމުން އަންނައިރު، މާލީ މުޢާމަލާތް ކުރެވެން އޮންނަ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެ ގޮތުން މި ބިލުގެ ސަބަބުން ފަވަރަ ނިޒާމު ހަރުދަނާކުރެވި، ޔޫޓިލިޓި ބިލުތަކާއި އެކި ޚަރަދުތައް ފަސޭހައިން އޮޓޮމޭޓެޑްކޮށް ދެއްކޭނެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވާނެކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
"ޕޭމަންޓް ނިޒާމެއްގެ ތެރެއިން ތަރައްޤީކުރެވިއްޖެއްޔާ އެޕާޓްމެންޓް ކުލިވެސް ބޭންކު އެކައުންޓުން ކެނޑޭގޮތަށް ހެދިދާނެ. މުސާރަލިބި އެ މީހަކު ބުނާ ދުވަހަކަށް ކެނޑޭގޮތަށް ހަމަޖެއްސިއްޖެއްޔާ ވަރަށް ބޮޑަށް އިދާރީ ޚަރަދުތައްވެސް ސަލާމަތްވެގެންދާނެ." އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.
މިގޮތަށް ބިލުގައި ކަނޑައަޅާފައިވާތީ އިދިކޮޅު މެންބަރުން ވަނީ އެމްއެމްއޭއަށް ކުންފުންޏެއް ހެދުމުގެ ބާރު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެހެނިހެން ކުންފުނިތައް ނިކަމެތިކޮށްލުންކަމުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ސިފަކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްއޭއަށް ވިޔަފާރި ކުންފުންޏެއް ހަދަންދެވޭ ހުއްދައަކީ ޕޭމަންޓް ނިޒާމު ޤާއިމުކޮށް، ތަރައްޤީކޮށް ކުރިއެރުވުމަށް ދެވޭ ހުއްދައެއް ކަމަށެވެ. އަދި އެކަން ނިމި، ކުރިއަރާ ދިއުމަށް އެކި ހިއްސާދާރުންނަށް ވިއްކާލުމުގެ މަގު ފަހިވެފައި އޮންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ބިލުގައި ހިމަނާފައިވާ އަނެއް ވާހަކައަކީ ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުން ނުވަތަ ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކުރުމާއި އެކަމަށް އަދަބު ކަނޑައެޅުމުގެ ބައެވެ.
ބިލުގައި މާނަކޮށްފައިވާ ގޮތުން ޕޭމަންޓް ސޮލިސިޓްކުރުމަކީ ރާއްޖޭގެ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ޕޭމަންޓް ޚިދުމަތެއް ދިނުމަށް ހުށައެޅުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމުގެ ހުށަހެޅުމެއް ހިމެނޭ އިޝްތިހާރެއް ކުރުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް ހުށަހެޅުން ނުވަތަ އެފަދަ އެއްބަސްވުމެއް ހެދުމަށް ދަޢުވަތު ދިނުން ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދަޢުވަތެއް ހިމެނޭ އިޝްތިހާރެއްކުރުމެވެ.
މި އިސްލާހުތަކުގައި ޤާނޫނުގައި ބަޔާންކުރާ ބައެއް ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އިސްތިސްނާކުރާ ފަރާތްތަކާއި ހަރަކާތެއް ހިންގާ ފަރާތްތައްވެސް ހިމެނޭ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބިލުގައިި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ނުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ. މި އަކުރުތައް ހިމަނާފައިވަނީ ރާއްޖޭގައި ހިންގޭ މާލީ މުޢާމަލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މި އަކުރުތަކުގެ ސަބަބުން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކުގެ ޚިދުމަތްދޭ ފަރާތްތައް، އެކަން ނުކުރުމަށް ބާރު އެޅެއެވެ. އެހެންކަމުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއެކު މާލީ މުޢާމަލާތްތަކަށް ފަސޭހަކަމާއި ރައްކާތެރިކަން ލިބިދޭނެކަމާ މެދު ޝައްކެއް ނެތެވެ.