ޚަބަރު

ސެން ޓީޗަރުން ތަމްރީނުކުރުން ކުރިއަށްދާނީ މަސައްކަތުގެ އަމަލީ ތަޖުރިބާ ދިނުމާއެކު: އައިޔޫއެމް


  • ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

  • މިއީ އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ޕްރޮގްރާމެއް

އުގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް ކުރިއަށްގެންދާނީ މަސައްކަތު ތަޖުރިބާއާއެކުކަމަށް ދިވެޖިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ވިދާޅުވެއްޖެއެވެ. ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯހަކީ ތަޢުލީމީ ވުޒާރާއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖު ގުޅިގެން ހިންގާ ކޯހެކެވެ، މި ކޯހުގެ ކިޔަވައިދިނުން އަންނަ މަހު ފަށާނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ހުރި ފުރުސަތުތަކާއި، ހިންގާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްވަމުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސީޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވީ، ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހުގެ ތެރެއިން މަސައްކަތުގެ އަމަލީ ތަޖުރިބާ ކުރިއަށްގެންދާނެކެމަށެވެ. އެގޮތުން 4 މަސައްކަތު ބައްދަލުވުން މި ކޯހުގައި ކުރިއަށްގެންދާނެކަމަށް ޑރ. ޝިނާ ވިދާޅުވިއެވެ.

ޑރ.ޝިނާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުން ވެގެންދާނީ، ކިޔަވައިދެއްވާއިރު ކްލާސް މެނޭޖްކުރާނެ ގޮތްތަކާއި، ޓީޗަރުން ވަކި ގްރޫޕްތައް ހަދައިގެން ކުދިން ކޭޓަރ ކުރާނެ ގޮތްތަކާއި، މިނޫންވެސް އުގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަކީ އެކަމަށް ޤާބިލުބަޔަކަށް ހެދުމަށްޓަަކައި ކުރަންޖެހޭ މުހިންމު ކަންތައްތައް ހިމަނައިގެން ކުރިއަށްގެންދާނެ ޚާއްސަ މަސައްކަތު ބައްދަލުވުންތަކަކަށްކަމަށެވެ.

މީގެއިތުރުން ޑރ.ޝިނާ ވިދާޅުވީ، މި ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށްޓަަކައި، ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހުގައި ކިޔަވައިދެއްވާ ދާރިސުންގެ އިތުރުން ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައިދެއްވާ މުދައްރިސުންވެސް ބައިވެރިވާނެކަމަށެވެ.

"މި ތަޖުރިބާދޭއިރު އަޅުގަނޑުމެން ވަކިން ގެންނާނީ މިހާރު މި ކިޔަވައިދެއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ސްކޫލްތަކުގައި މިހާރު ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅުންގެ އެހީއާއެކުގަ އަޅުގަނޑުމެންގެ މި ވޯކްޝޮޕްތައް ކުރިއަށްގެންދާނީ. އެހެންމެ އަޅުގަނޑު ދަންނަވާނީ އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް މި ވޯކްޝޮޕްވެގެންދާނެކަމަށް އަޅުގަނޑު ދެކެނީ". ޑރ.ޝިނާ ވިދާޅުވިއެވެ.

މި ކޯހުގެ ކިޔެވުން ކުރިއަށްދާނީ ހަފްތާ ބަންދަށް ޚާއްސަކޮށްގެންކަމަށާއި، އިސްލާމީ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރައްވަނީ، އެ ޔުނިވަރސިޓީގެ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށް ޑރ. ޝިނާ ފާހަގަކުރެއްވިއެވެ. ސެން ޓީޗަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޯހުގައި ކިޔަވައިދޭނީ 8 މޮޑިއުލެވެ.

އުނގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެއްވާ މުދައްރިސުން ތަމްރީނުކުރުމުގެ ކޯހުުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޯހަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 ވަނަ ދުވަހެވެ. އޮގަސްޓް އިންޓޭކުގައި ކްލާސްތައް ފެށިގެންދާނެކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ.

އުގެނުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައިގެނެވެ. އަދި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ.