ކަރަންޓު ކެނޑުނު ނަމަވެސް ލޭ އެޅުމާ ގުޅުންހުރި ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން މިހެން ވިދާޅުވީ މުޅި މާލެއިން ކަރަންޓު ކެނޑުމުން ލޭ އެޅުމުގެ ޚިދުމަތް ނުލިބޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކާ ގުޅިގެންނެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވީ އެ ތަނުގައި ބެކަޕް ޖެނެރޭޓަރެއް ހުންނަ ކަމަށެވެ. އަދި ކަރަންޓު ދިއުމުން ބެކަޕް ޖެނެރޭޓަރުން ވަގުތުން މުޅި އިމާރާތަށް ޚިދުމަތްދޭން ފަށާނެކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ. އަދި ކަންކަން އިންތިޒާމުކޮށްފައިވަނީ ރައްކާކޮށްފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރާނެ ގޮތަށްކަމަށްވެސް ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ. އަދި ލޭ އެޅުންފަދަ މުހިންމު ޚިދުމަތްތައް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
މި ސާރވިސަސްގައި ބެކަޕް ކަރަންޓް ވަގުތުން އޮންވާނެ ކަމާއި، ބެހެށްޓިފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ. pic.twitter.com/YiTM4UxzYK
— Maldivian Blood Services (@MBS_mv) August 9, 2025
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތެލެސީމިއާ ސެންޓަރު މިހާރު ހުންނަނީ އޮރެންޖު ހިޔާ ބިލްޑިންގައެވެ. ތެެލެސީމިއާ ސެންޓަރުގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ބެކަޕް ޖެނެރޭޓަރު ހުރެއެވެ. އަދި ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އެއްވެސް ޚިދުމަތަކަށް ބުރުނާރާނެހެން އަބަދުވެސް ޚިދުމަތް ދެއެވެ.