މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރި ފަސިންޖަރުންގެ އަދަދު 4 މިލިޔަނަށްވުރެ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެވެ. އެ ތަނުން ޚިދުމަތްހޯދާ ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މި ސަރަހައްދަށް ބަލާއިރުވެސް ބާރުބޮޑު އެއަރޕޯޓެކެވެ.
އެމްއޭސީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައިި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 4،108،845 ފަސިންޖަރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރުވުމެކެވެ.
ފުރަތަމަ 6 މަސްދުވަހު ދަތުރުކުރި 4.1 މިލިޔަން ފަސިންޖަރުންގެ ތެރެއިން، ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވަނީ 2،669،969 ފަސިންޖަރުންނެވެ. އަދި އެތެރޭގެ ދަތުރުތައް ކޮށްފައިވަނީ 579،079 ފަސިންޖަރުންނެވެ. އަދި ސީޕްލޭންގައި 859،797 ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގެ ތެރޭގައި އެއަރޕޯޓު ބޭނުންކޮށްފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއިން 26،658 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދާފައެވެ. މީގެއިތުރުން ސީޕްލޭންއިން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އެދުވަހު 7،439 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއަރ ޓްރެފިކް މޫވްމަންޓްސްވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %7 އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއަރ ޓްރެފިކް މޫވްމަންޓްސް ހުރީ 124،665 ގައެވެ. މި މުއްދަތުގައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫވްމަންޓްސް ހުރީ 17،614 ގައެވެ. އަދި ޑޮމެސްޓިކް މޫވްމަންޓްސް ހުރީ 14،110 ގައެވެ. ސީޕްލޭން މޫވްމަންޓްސް ހުރީ 92،941 ގައެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 34،000 ޓަނުގެ ކާގޯ ވަނީ ކްލިއަރކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6 އިތުރުވުމެއްކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފެސެންޖަރ ޓާމިނަލް ވަނީ މިދިޔަ މަހު ހުޅުވާފައެވެ. އައު ޓާމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓާމިނަލްއެކެވެ.