ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ގެދޮރުވެރިކަމާއި އިމާރާތްކުރުމައި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާކަމަށެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައެވެ. ވުޒާރާއިން ވިދާޅުވީ ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީކަމަށެވެ.މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގައެވެ.
ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން؛
— Ministry of Construction, Housing & Infrastructure (@MoCImv) August 10, 2025
މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކުރެވިފައި.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި. pic.twitter.com/AJIcMkEK9s
ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ. މީގެއިތުރުން މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެނައުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އާބާދީއާއި ބެހޭ ބައިގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އަކުން މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެޕޮއިންޓަމަންޓް އުސޫލުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.