ޚަބަރު

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމަށް ހުށައެޅި ބިލު ފާސްކޮށްފި


  • ފިކުރީ މުދާ ބަލަހައްޓާނެ ގޮތް ތަފްސީލްކޮށްދީފައިވޭ

  • ރަޖިސްޓްރަރގެ މަސްޢުލިއްޔަތުތައް ބަޔާންކުރޭ

ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމްކުރަން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ. އަދި މޯލްޑިވްސް އިންޓަލްކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އޮފީހެއް ޤާއިމްކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމަކީވެސް މި ބިލުގެ މަޤްޞަދެކެވެ.

"މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ" އޮފީހުގެ ބިލުގައި ބުނެފައިވަނީ އެ ޤާނޫނުން ހިމާޔަތްކޮށްދޭ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންތައްކަމަށެވެ.

މި ބިލުގައި ބަޔާންކުރާގޮތުގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމްކުރަންޖެހެއެވެ. އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގުޅުން ބަދަހިކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.

މި ބިލު ބަޔާންކުރާގޮތުގައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީއެވެ. އެ މަޤާމަށް މީހަކު އައްޔަންކުރުމުގެ ބާރު ލިބިދީފައިވަނީ އިޤްތިޞާދީ ވަޒީރަށެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނެކަމަށް ބަޔާންކުރެއެވެ. ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަޤަމަށް އައްޔަންކުރަންވާނީ އެހެން ބޭފުޅެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާޢިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.