ރުއް އިންދާ އާލާކުރުމަކީ އިޤްތިޞާދީ ކުރިއެރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ކުރެވޭ އިންވެސްޓުމަންޓެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ގުޅިގެން 60 ރުއް އިންދުމުގެ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި ރުކުގެ ކޮންމެ ބަޔަކުން ވަކި ޚާއްސަ ބޭނުންތަކެއް ކުރެވޭކަމަށެވެ. އެގޮތުން މިއީ އިޤްތިސާދާއި ގުޅިފައިވާ މުހިންމު އެއްޗެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނުއްސުރެ ރުކަކީ ގެދޮރާއި، ކެއިންބުއިމާއި، އުޅުމާއި ގުޅިފައިވާ އެއްޗަކަށްވާއިރު މިއީ ރާއްޖޭގެ ސަގާފަތާއި އިގްތިޞާދުގައި އަގުނުކުރެވޭ ދައުރެއް އަދާކުރާ އެއްޗެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރުކުގެ ކާނާއިން މޭވާއާއި ބުއިން ލިބޭއިރު އޭގެ ފަނަކީ ބޯހިޔާވަހިކަމާއި ހިފައިގެންގުޅޭ ތަކެތި ހެދުމަށް ބޭނުންކުރެވޭ އަގުހުރި ގުދުރަތީ މަސްދަރެއްކަމަށްވެސް ވަޒީރު މާރިޔާ ވިދާޅުވެފައެވެ.
ވަޒީރު މާރިޔާ ވިދާޅުވީ ދިވެހި ޤައުމާއި ރުއްގަހާއި ވަނީ ގާތް ގުޅުމެއް ކަމަށާއި މިއަދު ރުކަކީ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަސާސީ ދައުރެއް އަދާކުރާ ގަހެއްކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިން ބެލިނަމަވެސް ރުކުގެ ދައުރު ނުހަނު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ ރުއް އިންދާ އާލާކުރުމަކީ ޤައުމީ ވަންތަކަމާއި އިގްތިޞާދީ ކުރިއެރުން އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ކުރެވޭ މުހިންމު އިންވެސްޓުމަންޓެއްކަމަށެވެ.
"ސަގާފަތާއި ގުޅިފައިވާ ރުށް ދިރުވާ އަލާކުރުމަކީ ތިމާވެއްޓާއި އިގްތިޞާދަށް އިސްކަންދޭ ކަމުގެ ހެއްކެއް. ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ މި މަސައްކަތުގައި އެންމެން ބައިވެރިވާން ގޮވާލަން. ކޮންމެ އަތޮޅެއްގައި ރުއް އިންދުމަށް އިލްތިމާސްކުރަން. މިކަމަކީ ޤައުމީ ވަންތަކަމާއި އިގްތިޞާދީ ކުރިއެރުން ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ކުރެވޭ އިންވެސްޓުމަންޓެއް" ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ރުއް އާލާކުރެއްވުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައި މިވަނީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ. ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.