އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކުވެއިތުގެ އަލް އަރަބިން ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މިމެޗު ފެށުމާއެކު އަލްއަރަބިން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާ ކުރަން ފަށައި ދެވަނަ މިނިޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަނާޔޯ އިވުއާލާއެވެ.
ކުވައިތުގެ ޕްރިމިއަރ ލީގުގެ ތަނަރަޕްކަން ހޯދާފައިވާ އަލް އަރަބިން މިމެޗުގަ އެޓޭކިންއަށް ސަމާލުކަންދީގެން ކުޅެފަވާއިރު، އެޓީމުގެ ފަރާތުން ފެނިފަވަނީ ހަމަޖެހިލައިގެން ތިބެ ކުޅުނުތަނެވެ. އެހެންނަމަވެސް މާޒިޔާއިންވެސް ވަނީ ހިތްވަރާއެކު ނުކުމެ މެޗުގެ ނަތީޖާ އެއްވަރު ކުރެވޭތޯ މަސައްކަތްކޮށްފައެވެ.
އެހެންނަމަވެސް މެޗުގެ 40 ވަނަ މިނިޓުގައި އަލް އަރަބިގެ ކްރިސްޓޮފާ ޕޮވެއި ޖެހި ލަނޑާއެކު ނަތީޖާ 2-0 އަށް ބަދަލުވެ، މާޒިޔާއަށް ޕްރެޝަރު އިތުރުވެގެން ދިޔަތަން ފެނުނެވެ.
މިމެޗުގެ ފުރަތަމަ ހާފު ކުވައިތުގެ އަލް އަމީރު ކަޕް 11 ފަހަރު ކާމިޔާބުކޮށްފައިވާ އަލް އަރަބިން ނިންމާލާފައިވަނީ 2-0 ގެ ނަތީޖާއަކުން ހޯދި ލީޑާއެކުއެވެ.
ދެވަނަ ހާފާއެކު މާޒިޔާއިން ކުޅުން ރަނގަޅުކުރިތަން ފެނުނެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށް އަލް އަރަބިން މެޗުގެ 53 ވަނަ މިނިޓުގެ ތެރޭގައި ވަނީ ހަމަޖެހިލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ކްރިސްޓޮފާއެވެ.
މެޗުގެ 86 ވަނަ މިނިޓުގެ ތެރޭގައި ހުސައިން އަލް މުހްސިން ޖެހި ލަނޑާއެކު 4-0 އިން ކުރި ހޯދައި އަލް އަރަބި ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ.