އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 73 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ޖުލައި މަހު މީރާއަށް މުދަލު ޒަކާތުގެގޮތުގައި 73 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 66 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ޖުލައި މުދަލު ޒަކާތުގެގޮތުގައި ވަނީ 12 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 15 މިލިޔަން ރުފިޔާއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. އެވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9264.15 ރުފިޔާއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.