ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް މި މަހުގެ 30 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. ކުރިން މިމުބާރާތް ފަށާގޮތަށް އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މުބާރާތް ފަސްކުރި ސަބަބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުލަބު މޯލްޑިވްސްގެ ވައިސް ޗެއާރމަން އިބްރާހިމް އަޝްރަފް ވިދާޅުވީ މިމުބާރާތަކީ ވަރަށް ގިނަ ޓީމުތަކަކުން ވާދަކުރާ މުބާރާތެއްކަމަށާ، އެގޮތުން މިމުބާރާތުގައި ވާދަކުރާ އެއް ޓީމުކަމަށްވާ "ޖޯލި" ޓީމުން މިވަގުތު ރިސޯޓް ލީގުގައި ވާދަކުރަމުންދިއުމާ ގުޅިގެން މިދަނޑިވަޅުގައި ކުލަބް މޯލްޑިވްސް ކަޕު ފައްޓައިފިނަމަ އެޓީމަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދާނެތީ މުބާރާތް ފަސްކުރީކަމަށް އޭނާ ހަމަކުރެއްވިއެވެ. އަދި ކުލަބު މޯލްޑިވްސްއިން މަސައްކަތްކުރަމުންދަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ވީހާވެސް ލުއިފަސޭހަކަމާއެކު މުބާރާތުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ވަރަށް ގިނަ ކްލަބު ތަކަކުން ވާދަކުރާ ތަރުހީބު ބޮޑު މުބާރާތެއް. މުބާރާތް ފަސްކޮށްލި ސަބަބަކީ ޖޯލި ޓީމުން މިވަގުތު ރިސޯޓު ލީގުގައި ވާދަކުރަމުން ގެންދިއުން. އެއީ ރިޒޯޓް ލީގުގެވެސް ޗެމްޕިއަނުން. އެހެންކަމުން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވާދަކުރާ އެންމެހާ ޓީމުތަކަށް ލުއި ވާނެހެން މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސޭތޯ" އަޝްރަފް ވިދާޅުވިއެވެ.
ޖުމަލް ހަ މުބާރާތަކާއެކު ހާހަކަށްވުރެ ގިނަ ކުޅުންތެރިން ފެނިގެންދާއިރު، 200 އަށްވުރެ ގިނަ މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުލަބު މޯލްޑިވްސް ބާއްވާތާ މިއީ 20 ވަނަ އަހަރެވެ.