ކުޅިވަރު އެކުވެނީގައި މިއަދު ފެށި 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ މީޓް ރިކޯޑު ޔޫސުފް ނާއިކް ވަޖީހު ހަދައިފިއެވެ.
އޭނާ މި ރިކޯޑު ހަދާފައިވަނީ މެންސް ހައި ޖަމްޕް ކެޓެގަރީގައި ވާދަކޮށް 1.87 މީޓަރަށް ފުންމައިގެން ހޯދި ރަން މެޑެއްޔާއެކުއެވެ. މި އިވެންޓުގެ ގައުމީ ރިކޯޑުވެސް ހަދާފައިވަނީ ނާއިކެވެ. އެއީ 1.88 މީޓަރަށް ފުންމައިގެންނެވެ.
މިވެންޓުގެ ކުރީގެ މީޓް ރިކޯޑަކީ 1.81 މީޓަރެވެ. އެއީ ކުރީގެ ގައުމީ ރިކޯޑު އޮތް އަޙްމަދު ޒަބީރު ހަދާފައިވާ ރިކޯޑެކެވެ.
މިއަދުގެ ހައި ޖަމްޕް އިވެންޓުން ރިހި މެޑެލް ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓު އީސާ ޖާއިޒް އަޖްހަދެވެ. އެއީ 1.66 މީޓަރަށް ފުންމައިގެންނެވެ.
މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 204 އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާ މިމުބާރާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރު 20 ކުލަބަކުން ބައިވެރިވެފައިވެއެވެ.