ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: އަންހެނުންގެ ހައި ޖަމްޕުގެ މީޓް ރިކޯޑާއެކު ޝައިމްއަށް ދެވަނަ ރަން މެޑެލް


މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ ހައި ޖަމްޕުގެ އޯޕަން ބައިން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޝައިމް އަޒީޒް ރަން މެޑެލް ހޯދައިފިއެވެ. އޭނާ ވަނީ 1.48 މީޓަރަށް ފުންމައި މުބާރާތުގެ މީޓް ރިކޯޑެއްވެސް ހަދާފައެވެ.

މި އިވެންޓުން ރިހި މެޑަލް ނަގާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝުއާ އަހުމަދު ރިޝްފާންއެވެ. އޭނާވަނީ 1.23 މީޓަރަށް ފުންމާފައެވެ. އަދި 1.23 މީޓަރަށް ފުންމައިގެން ލޯ މެޑަލް ހާސިލްކޮށްފަވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފާތިމަތު ކައިލީން ނިޔާޒްއެވެ.

މި އިވެންޓުގެ އިތުރުން މިއަދު ދެން ކުރިއަށްދިޔަ އަނެއް އިވެންޓަކީ ފިރިހެނުންގެ އޯޕަން ކެޓަގަރީގެ ޖެވެލިން އުކުމެވެ. މި އިވެންޓުން ރަން މެޑަލް ހޯދާފައިވަނީ ނަސީރު ސްޕޯޓްސްގެ އެތުލީޓު ދަނުޝްކާ ސްރިމާލް ސަމަރަސިންހޭއެވެ. އޭނާވަނީ 44.60 މީތަރ ދުރަށް ޖެވެލިން އެއްލާފައެވެ. އަދި 37.92 މީޓަރަށް ޖެވެލިން އެއްލައިގެން ދިވެހި ސިފައިންގެ ކުލަބުގެ ސުޒައިނު މުހަންމަދު ރިހި މެޑަލް ނެގިއިރު، މި އިވެންޓުގެ ލޯ މެޑަލް ހާސިލްކޮށްފަވަނީ އައްޑޫ އެތުލެޓިކްސްގެ އިބްރާހިމް ޝަރޫޢުއެވެ.

މި ކެޓެގަރީގެ ގައުމީ ރިކޯޑް މިހާރު އޮންނަނީ 47.60 މީޓަރަށް ޖެވެލިން އުކައިގެން ޢަބްދުﷲ މާހިރުގެ އަތުގައެވެ. އަދި މި އިވެންޓުގެ މީޓް ރިކޯޑް އޮންނަނީ ދިވެހި ސިފައިންގެ ކުލަބުގެ ޔައުގޫބް އަހުމަދު އަތުގައެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ 46.55 މީޓަރަށް ޖެވެލިން އުކައިގެންނެވެ.