ޚަބަރު

ޒަކާތުގެ ޤާނޫނު: އިސްލާމީ އެހެން ޤައުމުތަކާވެސް އެއްގޮތަށް ފަރުމާކުރެވޭ ޒަމާނީ އޮނިގަނޑެއް


  • އައު ޤާނޫނާއެކު ޒަކާތް ހައްޤުވާ ފަރާތްތަކުގެ ހުރިހާ ކަމެއް ހިލޭކޮށްދެވޭނެ މަގު ފަހިވާނެ

  • އައު ޤާނޫނާއެކު ޒަކާތު ފަންޑު މެދުވެރިކޮށް އިންވެސްޓްކުރުމުގެ މަގު ފަހިވާނެ

އެކި އުޞޫލުތަކާއި ގަވާއިދުގެ ތެރެއިން ރާއްޖޭގައި ދިޔައީ ޒަމާނުންސުރެ ޒަކާތް ނަގައި، ބަހަމުންނެވެ. ރާއްޖެއަކީ ސަންތައިންސައްތަ މުސްލިމް ޤައުމަކަށްވާއިރު، ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްސަ ޤާނޫނެއް މިހާތަނަށް އައިރު، ހެދިފައެއް ނުވެއެވެ. ނަމަވެސް، މިމަހުގެ 11 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ޒަކާތުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އައު ޤާނޫނާއެކު ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރެވޭނެ ކަމަށާއި ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހާ ކަންކަން ހިލޭކޮށްދެވޭނެ މަގު ފަހިވާނެކަމަށް ވިދާޅުވެފައެވެ. އަދި ޒަމާނީ އޮނިގަނޑެއް އެކުލަވާލެވި ޒަކާތު ފަންޑުން ފަޤީރުކަން ނައްތާލައި، އިޖުތިމާޢީ ތަނަވަސްކަމަށް މަގުފަހިވާނެކަންވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ވަޒީރު ވިދާޅުވީ ޒަކާތުގެ ޤާނޫނު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކުރިއަރާފައިވާ އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ ގޮތްތަކާ އެއްގޮތަށް ކަމަށެވެ.

އަލަށް އެކުލަވާލާ ޒަކާތުގެ ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން އެކުލަވާލާ ޤާނޫނެކެވެ. އަދި ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައްވެސް މި ޤާނޫނުގެ ތެރެއިން ކަނޑައެޅޭނެއެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތްތަކެއް ކަނޑައެޅުމަކީ ޤާނޫނުގެ މުހިންމު މަޤުޞަދެކެވެ.

ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކުރެއެވެ. ހަމައެއާއެކު އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދެނޭއެވެ. މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ.

ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.

މި ބިލުގައި ޒަކާތު ފަންޑު ބޭނުންކުރެވޭނެ ކަންކަން ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓްކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތު ފަންޑު ހިންގުމާބެހޭ ގަވާއިދާއި ފަންޑުގެ ފައިސާއިން އިންވެސްޓްކުރުމާގުޅޭ އިންވެސްޓްމެންޓް ޕްރިންސިޕަލްސްއާއި އިންވެސްޓްމެންޓް ސްޓްރެޓެޖީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފަޔާއެކު މާލިއްޔަތާބެހޭ ވުޒާރާއިން ހަދަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.