ކުޅިވަރު

ލަންކާ މެޗަށް ރާއްޖެ އަށް ރަސްމީކޮށް ދައުވަތު ދީފި


އަންނަ މަހު ސްރީލަންކާއާއެކު ކުޅޭ ރަހުމަތްތެރި ކަމުގެ ދެ މެޗު ކުޅެން އެ ގައުމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރަސްމީ ކޮށް ދައުވަތު ދީފި އެވެ.

ނަމަވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާއިން މި ހުށަހެޅުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ލަންކާއިން ހުށަހަޅާފައިވަނީ އަންނަ މަހުގެ 1 އިން 9 އާ ދެމެދު އެކުވެރިކަމުގެ ދެ މެޗު ކުޅޭ ގޮތަށެވެ. މި ދެ މެޗުން މޮޅުވާ ޓީމަކަށް ވާދައިގެ ތައްޓެއް ވެސް ދޭނެ އެވެ. ލަންކާއިން ކުރިން މަސައްކަތް ކުރީ މި މުއްދަތުގައި ރާއްޖެ އާއި ބޫޓާން ބައިވެރިކޮށްގެން ތިން ގައުމުގެ މެދުގައި ކުރު މުބާރާތެއް ކުޅުމަށެވެ. އެއީ ލަންކާ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

"އަހަރުމެން މިހާރު ވާނީ ރާއްޖެ އަށް ދައުވަތު ފޮނުވާފައި. އަހަރުމެން މި މެޗަށް ވަރަށް އަވަހަށް ތައްޔާޜުވާން ފަށާނަން. ރާއްޖެއިން ވަނީ މި ދެ މެޗު ކުޅޭނެ ކަމުގެ ފެހި ސިގްނަލް އަނގަ ބަހުން ދީފައި،" ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެ އާއި ލަންކާ އަކީ ފުޓްބޯޅައުގައި ވަރަށް ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރި މެޗު ރާއްޖެ ކާމިޔާބު ކުރީ 1-0އިންނެވެ.

ސާފް ޗެމްޕިއަންޝިޕް މި އަހަރު ފުޓްބޯޅަ މުބާރާތް ލަންކާގައި ބޭއްވޭގޮތް ނުވީ އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން މުބާރާތުގެ މައި ސްޕޮންސަރުން ބާރު އެޅުމުގެ ސަބަބުންނެވެ. އަދި ލަންކާގައި ސާކުގެ ހަތް ގައުމު ބައިވެރިކޮށްގެން މުބާރާތް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ނެތް ކަމަށް އިންޑިޔާގަ ފަދަ ގައުމުތަކުން ބުނަން ފެށުމުންނެވެ.