ޚަބަރު

ދަފްތަރުގައި ރަޖިސްޓަރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި


  • މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1ވަނަ ދުވަހު

  • މި ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށް

ޖުލައިމަހުގެ ނިޔަލަށް މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީއެމްއެލްއިން މިހާތަނަށް 25 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.

މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޖުލައި މަހުގެ ނިޔަލަށް ބީއެމްއެލްއިން މިހާތަނަށް 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާކަަމަށެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު މިހާރު ދަނީ ލިބެމުންނެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.