ޚަބަރު

ފަހު ވަގުތު ބޯންމަތު އަތުން ލިވަޕޫލް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ފުރަތަމަ މެޗުގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު 4-2 ގެ ނަތީޖާއަކުން ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ގައި ކުޅުނު މި މެޗުގެ ކުޅުން ފެށުމުގެ ކުރިން އެ ޓީމުން ވަނީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި މަރުވި ޑިއެގޯ ޖޮޓާ އާއި އޭނާގެ ބޭބެ އެންޑްރޭ ސިލްވާގެ ހަނދާން އައު ކުރުމުގެ ގޮތުން ވަނީ ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި މެޗުގައި ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވަނީ އެ ޓީމާއި އަލަށް ގުޅުނު ހަތަރު ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 37 ވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އެކިޓީކޭގެ އެސިސްޓަކުން ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބޯންމަތު އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ލިވަޕޫލް އަށް ބާރުބޮޑުކޮށްފަ އެވެ. އަދި ލަނޑެއް ޖެހުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި އެންޓޮއިން ސެމެންޔޯ ވަނީ ލަނޑެއް ޖަހާފަ އެވެ.

މި މެޗުގައި ބޯންމަތުގެ ސެމެންޔޯ ވަނީ މެޗުގެ 76 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ސެމެންޔޯ ދެ ލަނޑު ޖެހުމުގެ ކުރިން މެޗުގެ ރެފްރީ އެންތޮނީ ޓޭލަރ ވަނީ ސަޕޯޓަރަކު ސެމެންޔޯ އާއި ނަސްލީ ގޮތުން ދިމާކުރި ކަމަށް އޭނާ ބުނުމުން މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް ހުއްޓާލާފަ އެވެ.

މި މެޗުގައި ލިވަޕޫލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ފެޑެރީކޯ ކިއޭސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.