ބާސެލޯނާއަށް ކުޅުވަން މި ސީޒަނަށް ގެނައި ގޯލްކީޕަރު ޖޯން ގާސިއާ އާއި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް މިރޭ ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ކުޅޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ކުލަބުގެ ރައީސް ޖޯން ލަޕޯޓާ މިހެން ބުނީ މާލީ ދަތިތަކާހުރެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ މައްސަލާގައި ބާސެލޯނާ އަށް އަލަށް ގެނައި ކުޅުންތެރިން ފަހު ވަގުތާ ހަމައަށް ވެސް ރަޖިސްޓަރ ނުކުރެވި ތިބުމުންނެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި ބާސެލޯނާއިން ވަނީ ކުޅުންތެރިން ވިއްކާލައި އަނެއް ބައި ކުޅުންތެރިންގެ ލޯނު އެއްބަސްވުންތަކުގެ އަގު ދަށްކޮށް، އަދި ބޯޑުން ދޭ ގެރެންޓީއެއްގެ ގޮތުގައި ހަތް މިލިއަން ޑޮލަރު ސްޕެނިޝް ލީގުގައި ބަހައްޓައިފަ އެވެ.
"އަހަރެންނަށް ޔަގީން އެ ދެ ކުޅުންތެރިން މިރޭ ކުޅޭނެ ކަމަށް. އަހަރުމެން ވާނީ ހުރިހާ ލިޔުންތަކެއް މިހާރު ހުށަހަޅާފައި. އެކަމުގައި މިހާރު އެއްވެސް މައްސަލަ ނޯންނާނެ. ޖޯން ގާސިއާ އާއި ރަޝްފޯޑް ރަޖިސްޓަރ ކުރެވޭނެ،" ލަޕޯޓާ ބުންޏެވެ.
އޭނާ ބުނީ ސްޕެނިޝް ލީގުގެ ގަވާއިދުތަކުގެ ތެރެއަށް ފެތިގެން ބާސެލޯނާގެ މާލީ ކަންކަން ހަމަޖައްސަން ވަގުތު ނަގަނީ ބައެއް ކަހަލަ ދަތިތަކާ ހުރެ ކަމަށެވެ.
މި ގޮތުން ބައެއް ކުޅުންތެރިން ވިއްކާލަން ޖެހުނީ ދަތިތައް ފިލުވުމަށާއި ކުޅުންތެރިން ވެސް އެ ގޮތަށް ބޭނުން ވުމުން ކަމަށެވެ. އޭނާ އިޝާރާތް ކުރީ ޑިފެންޑަރު އިނިގޯ މާޓިނޭޒް ސައޫދީ އަރަބިއާގެ އައް ނަސްރަށް ބަދަލުވުމަށެވެ.
"އިނިގޯ އަހަރުމެންނާއެކު އަދި އެއް ސީޒަނުގައި މަޑު ކުރަން ބޭނުންވި. އެކަމަކު ޑިފެންސަ ލައިނުގައި ކުޅުންތެރިން ގިނަވުމާއެކު އަހަރުމެން ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހުނު. އަދި އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމީ އަބަދު އެ ޓްރޭން އައިސް މަޑުނުކުރާނެތީވެ،" ލަޕޯޓާ ބުންޏެވެ.
އޭނާ އިޝާރާތް ކުރީ ބާސެލޯނާ އަށް ވުރެ މާބޮޑު މުސާރައެއް ސައޫދީ އަރަބިއާގެ އައް ނަސްރުން ހުށަހެޅުމުން އެ ކަމަށެވެ. އިނިގޯގެ އުމުރުން 35 އަހަރު ވުމުން އޭނާ އަށް އެ ފަދަ ފުރުސަތެއް ދެން ނުލިބިދާނެ ކަމަށެވެ.
ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި މިރޭ ބާސެލޯނާ ނުކުންނާނީ ރެއާލް މަޔޯކާއާ ދެކޮޅަށެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް ބާސެލޯނާ އެވެ.