ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި މަޔޯކާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ކުޅުމާ މެދު ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ އޭނާ ހުރީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ނުރުހިފައި ކަމަށެވެ.
"އަހަރުމެންނަށް ދެ ލަނޑު ލީޑެއް ލިބި (އިދިކޮޅު ޓީމަށް) ދެ ރަތްކާޑު ދެއްކީމާ އަހަރުމެން ކުޅުނީ 50 ޕަސެންޓްގައި. މިއީ އަހަރެން ގަބޫލު ކުރާ ގޮތެއްނޫން. މުހިންމު ތިން ޕޮއިންޓު ލިބުނަސް މި ގޮތަށް ކުޅެންގެން ނުވާނެ،" ކޯޗު ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ބާސެލޯނާ އަށް ހޯދައިދިން ޖަރުމަނުގެ ކޯޗު ބުނީ ކުޅުމާމެދު ކުޅުންތެރިންނާ ސީރިއަސްކޮށް ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ.
"އެއްވެސް މީހަކު 50 ޕަސެންޓްގައި ކުޅޭނަމަ އަހަރެން އެ މީހަކު ބޭނުމެއްނޫން. އަހަރެން ކުޅުންތެރިންނާ މި ކަމާ ބެހެ ގޮތުން ވާހަކަ ދައްކާނަން،" ކޯޗު ބުންޏެވެ.
ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ލައްވައި ފަހު 20 މިނިޓް ކުޅުވައިފަ އެވެ. ކޯޗު ބުނީ ރަޝްފޯޑަށް މާބޮޑަށް ޕްރެޝަރު ކުރަން ބޭނުންނުވާ ކަމަށާއި މަޑުމަޑުން ބާސެލޯނާގެ ސްޓައިލާއި ޓީމަށް ހޭނެން އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.