ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުގެ ފައިދާ އޮތީ ރައްޔިތުންނަށް: ޤާސިމް


  • ކައުްނސިލްތަކުން ޢާންމު ވިޔަފާރިތަކަށް ނުވަނުމަށް ތާޢީދުކުރެއްވި

  • ރާއްޖެ ލާމަރުކްޒީކުރުމަށް ސަރުކާރުން ކުރަނީ ރަނގަޅު މަސައްކަތްތަކެއްކަމަށް

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއްކަމަށާއި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކައުންސިލްތަކުގެ ޙައްގުތައް ހަނިވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޤާސިމް އިބްރާހީމް ނެރުއްވި ބަޔާނުގައި ވަނީ ޤާނޫނުއަސާސީގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ލާމަރުކަޒީ ޤާނޫނުވެސް އޮންނަން ވާނީ އެފަދަ ދައުލަތެއްގެ ހުދޫދުގެ ތެރޭގައި، ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާ ފުށުނާރާގޮތަށް ކަމަށް ވިދާޅުވެފައެވެ. ލާމަރުކަޒީ ޤާނޫނަށް 14 އަހަރުވެގެންދާއިރު އެ ޤާނޫނާއެކު ފެޑަރަލް ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅެން ފަށާފައިވާ ކަމަށާއި އާންމުކޮށް ސަރުކާރާ އިދިކޮޅަށް އޮންނަ ސިޔާސީ ޕާޓީތަކުން އެ ވިސްނުން ޕްރޮމޯޓު ކުރާކަން ފާހަގަކުރެވޭ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކަކީ އެ ނިޒާމު "ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ދައުލަތުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް، ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައި އޮންނަ އެއްޗަކަށްވާއިރު އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް އެ ޕްލޭންގައި ނުހިމެނޭ ކަންކަން ފެށުމުގެ އިޚްތިޔާރު ކައުންސިލްތަކަށް އޮވެގެން ނުވާނެ ކަމަށާއި، އޭގެ ސަބަބުން ޤައުމަށް ގެއްލުން ލިބިގެންދާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ އަހަރުގެ މެއި މަހަށް ހަމަވާއިރު ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކައުންސިލްތަކުން އިޚްލާސްތެރިވާންޖެހޭނީ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުން ފައިދާވާނީ ރައްޔިތުންނަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް 3 ޝަރުތެއް ކަނޑައަޅުއްވައި، އޭގެ ތެރޭގައި އެފަދަ ވިޔަފާރިތަކަކީ އެ ކުންފުންޏެއް ނިސްބަތްވާ ރަށުގެ އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިއަކަށް ވެގެން ނުވާނެކަން ހިމަނައިފައިވުމުން އޭގެ ފައިދާ ވެގެންދާނީ ރަށުގެ އާންމުންނާއި އާންމު ވިޔަފާރިތަކަށް ކަމަށެވެ. އެހެންކަމުން، މި ހުރިހާ އިސްލާހުތަކެއްގެވެސް ފައިދާ އޮތީ ރައްޔިތުންނަށް ކަމަށް ޤާސިމް އިބްރާހިމް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.