ޚަބަރު

ވިޔަފާރި ފުޅާކުރަނީ ސަރުކާރު ސިޔާސަތުތަކާއި އެއްގޮތަށް މެދުފަންތީގެ ވިޔަފާރިތަކާ ގުޅިގެން: ވެމްކޯ


  • ކުދި އާބާދީތަކާއި ޚަރަދު ބައްދަލުކުރަން ޖެހިއްޖެނަމަ ރައްޔިތުންނަށް ބުރަވާނެ

  • ޖޭވީ އުސޫލުން ކުރިއަށް ގެންދަން 3 މަޝްރޫޢެއް މިހާތަނަށް އިޢުލާންކޮށްފައިވޭ

ވެމްކޯގެ ވިޔަފާރި ފުޅާކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން ކައުންސިލްތަކާއި މަޝްވަރާކޮށް ވިޔަފާރި އުސޫލުން ބިން ހޯދުމާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީސްމީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ. މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ވެމްކޯއިން ގެސްޓް ހައުސް ވިޔަފާރިތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށާއި، އަދި ކައުންސިލްތަކަށް އެގޮތަށް ހުށަހަޅަމުންދާކަމަށެވެ.

ވެމްކޯއިން ވިދާޅުވީ، ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒް ކުރެވިގެން ދެމުން އަންނަ ޚިދުމަތެއް ކަމަށެވެ. ނަމަވެސް ދައުލަތަށް ބުރަ ބޮޑުނުވާ ގޮތަށް މިމަސައްކަތަކީ އަރަނިވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ނިންމައި ކުންފުނީގެ މެނޭޖްމަންޓުންވެސް އެކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

ވެމްކޯއިން ވިދާޅުވީ ކުންފުނީގެ ޚިދުމަތް ކޮންމެ ރަށެއްގައި ދޭއިރު، ޚިދުމަތް ދޭ މަރުކަޒަކީ ޕްރޮފިޓް ސެންޓަރެއް ނުވަތަ، އެ މަރުކަޒެއްގެ ޚަރަދުތައް ވަކިންބެލި ކުންފުނީގެ ޖުމްލަ ފައިދާއަށް ހިއްސާވާ ތަނެއް ކަމަށް ބަލައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއުސޫލުން ކުރިއަށް ގެންދާއިރު އެ ރަށެއްގެ އާބާދީ ކުޑަވުމުން ޚަރަދުތަކާއި ބައްދަލުކުރަން ވެއްޖެނަމަ ރައްޔިތުން އުފުލަން ޖެހޭ ބުރަ ބޮޑުވާނެތީ، ވިޔަފާރި ފުޅާ ކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. މި ސިޔާސަތު ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދަމަހައްޓާ މާލީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ވެމްކޯއިން ވަނީ އެކުންފުނީގެ ވިޔަފާރީގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، މެދުފަންތީގެ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ. އެގޮތުން ކުރިއަށްގެންދާ ހަރަކާތްތަކަކީ އެރަށެއްގައި ފައިދާވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ދިރާސާކުރުމަށް ފަހު ކުރިއަށްގެންދެވޭނެ މަސައްކަތްތަކެއްކަން އެކުންފުނިން ފާހަގަކުރެއެވެ.

މި އުސޫލުގެ ދަށުން ވެމްކޯއިން އިތުރު ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް 3 މަޝްރޫޢެއް މިހާތަނަށް އިއުލާން ކޮށްފައިވެއެވެ. އެކީ ކ. ހިންމަފުށި އަދި ޅޮސްފުށީގެ ފަޅު ތަރައްޤީކުރުމުގެ މަޝްރޫޢާއި ކުނި ރީސައިކަލްކޮށް އެކަމުން މަންފާ ލިބޭނެ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތެއް ހޯދުމުގެ މަޝްރޫޢު ކަމަށެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާއިރު މަޝްރޫޢުތައް ކުރިއަށް ގެންދާނީ ޖޮއިންޓް ވެންޗަރ އުސޫލުން ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިގެ ހިއްސާ ބަހާ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކަށް މިފަދަ ވިޔަފާރިތައް ކުރިއަށް ގެންދާ ހުރިހާ އަދި ފަށަން ބޭނުން ހުރިހާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ވެމްކޯއިން ވަނީ އެކުންފުނީގެ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިން ޒިންމާދާރު ކަމާއެކު ގެނެސް ދިނުމަށް އިލްތިމާސްކޮށްފައެވެ.