ޚަބަރު

ރައީސް، ނޭޕާލްގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ނޭޕާލްގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޕުޝްޕާ ކަމާލް ދަހާލްއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ބޮޑުވަޒީރަށް ‏މަރްޙަބާ ވިދާޅުވެ، ‏‏ހެޔޮއެދުންތައް ‏‏ފޮނުއްވާފައިވެއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްގެ ޒަޢާމަތުގައި، ނޭޕާލްއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ‏‎.‎‏ އަދި ރާއްޖެއާއި ނޭޕާލްއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ‏‏ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.‏