އިނގިރޭސި ޕްރިމިއަރ ލީގުގެ ފެށުން ރަނގަޅުކުރެވުމުން ހިތްހަމަޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އޭނާ މިހެން ބުނީ ސީޒަނުގެ ފުރަތަމަ މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 1-0އިން ބަލި ކުރުމަށްފަހު އެވެ.
ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ތައްޓަށް ވާދަކޮށް، ދެ ވަނަ އަށް ދިޔަ ޓީމުގެ ކޯޗު ބުނީ ކުރީ ސީޒަނާ އަޅާ ބަލާއިރު އޭނާގެ ޓީމުން ރަނގަޅު ކަންކަން ފާހަގަވި ކަމަށެވެ.
"އަހަރުމެންގެ ރިދަމް ރަނގަޅު. އަހަރުމެން މެދުތެރެއިން އެޓޭކް ބިލްޑްކޮށް ކުރިއަރައި ދިޔަ ގޮތް ވަރަށް ރަނގަޅު. ނަމަވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް އެބަހުރި. މި ފަދަ ދިގު ސީޒަނެއްގައި އެންމެ މުހިންމު ކަމަކީ ފެށުން ރަނގަޅު ކުރުން. އެކަން ކުރެވުނީމާ ވަރަށް ހިތްހަމަޖެހޭ،" އާޓެޓާ ބުންޏެވެ.
އޭނާ އަދި ބުނީ އާސެނަލް އަށް ގެނައި ފޯވަޑް ޔޯކެރެސް ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކި ކަމަށެވެ.
"މިއީ އޭނާގެ ފުރަތަމަ މެޗު. އަހަރުމެން އުއްމީދު ކުރި ވަރަށްވުރެ ރަނގަޅު ކުޅުމެއް އޭނާ ވަނީ ދައްކާފައި. އަދިވެސް ޓީމަށް ހޭނުނު ވަރަކަށް މެޗަކަށްވުރެ މެޗެއްގައި އޭނާ ދާނީ ރަނގަޅު ވަމުން،" ކޯޗު ބުންޏެވެ.
އާސެނަލް އަކީ މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް ހޭދަކުރި އެއް ޓީމެވެ. ހާއްސަކޮށް ޓީމުގެ އެންމެ ބޮޑު ބަލި ފައި ކަމަށް ބެލެވެނު ފޯވަޑް ލައިން ރަނގަޅު ކުރުމަށް އެ ކުލަބުން ހޯދި ކުޅުންތެރިއަކީ ޔޯކެރެޝް އެވެ.