ޚަބަރު

އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި


  • 75% އަށްވުރެ މަތިން މާކްސް ލިބުނީ ޝަފީގުއަށް

  • ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނެ

ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.

އެޗްއާރްސީއެމުން ހުސްވާ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅުންގެ ނަންތަކެވެ. އެގޮތުން އެމަނިކުފާނު ފޮނުއްވާފައިވަނީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ދެ ބޭފުޅުންނާ އިންޓަވިއު ކުރައްވައި މާކްސް ދީފައެވެ. ކޮމިޓީން ރުހުން ދޭނީ %75 އަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އެގޮތުން ރައީސް ނަން ފޮނުއްވެވި ދެ ބޭފުޅުންގެ ތެރެއިން %75 އަށްވުރެ މަތިން މާކްސް ލިބުނީ މުޙައްމަދު ޝަފީގު މަހުމޫދަށެވެ.

އެޗްއާރުސީއެމަށް ޝަފީގު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ އާންމުކޮށް އިޢުލާންކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.