ޚަބަރު

ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތްދަނީ ކުރަމުން: އެމްއެފްޑީއޭ


  • ބޭސް ހުސްވާއިރު ބޭނުންވާ ބޭސް އެތެރެ ނުކުރެވުމަކީ ގޮންޖެހުމެއް

  • މިހާރު ކުރެވޭ މަސައްކަތުން ބޭހުގެ މައްސަލަ އަންނަނީ ހައްލުވަމުން

ނަފުސާނީ ފަރުވާއަށް ބޭނުންވާ ބޭސް ލިބުމުގައި ހުރި މައްސަލަތައް ހައްލުކޮށް، އެސްޓީއޯ މެދުވެރިކޮށް އެފަދަ ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ ވިދާޅުވެއްޖެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ އެކިއެކި ކަންކަމަށް ބޭނުންވާ ބައެއް ބޭސްތައް ލިބުމުގެ ދަތިތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

މި ޕެޓިޝަންއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ސިއްޙަތާބެހޭ ވުޒާރާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ އިސް ބައެއް ވެރިން ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާއްތަކާއި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ބޭނުންވާ ބޭސްނުލިބޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ދޭ ބޭހަކީ މިހާރު ނެޝަނަލް އެސެންޝަލް މެޑިސިން ނުވަތަ ކޮންމެހެން ބޭނުންވާ ބޭހެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާކަމަށެވެ.

ޖަލީލާ ވިދާޅުވީ އެ ލިސްޓުގައި ހިމަނާފައިވާ ބޭސްތައް ސިއްޙީ ހިދުމަތްދޭން ކަނޑައަޅާ ތަންތަނުގައި ނުވަތަ ބޭސްފިހާރަތަކުގައި ލިބޭގޮތަށް ހުރުން ލާޒިމްކޮށްފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ބަލާއިރު 5 ބޭހެއް ފިޔަވައި އެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އެސްޓީއޯއިން ވަނީ އެތެރެކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފަސް ބޭހަކީ ބޭރުގެ އެހެން ގައުމުތަކުންވެސް ލިބުމުގައި ދަތިތަކެއް ހުރި ބޭސްތަކެއްކަމަށް ވިދާޅުވިއެވެ. ޖަލީލާ ވިދާޅުވީ އެ ބޭސް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާކަަމަށެވެ.

"މި ބޭސްތައް ގައުމުގެ މަސައްކަތް އެސްޓީއޯއިން ވަރަށް މަސައްކަތް ކުރޭ އެބަ މި ބޭސްތައް ގެނެވޭތޯ. އެހެންނަމަވެސް ސަޕްލައިކޮށްދޭނެ ބައެއް ނެތިފައި ވަނީ. ބޭސް ރާއްޖެ އެތެރެކުރުމަށް ފަހު، ފާމަސީތަކަށް ރީޗްކުރުމަކީ ސީދާ ސަރުކާރުން ކުރާ ކަމެއް ނޫން. އެކަމަކު ހެލްތު މިނިސްޓްރީ އާއި އެސްޓީއޯއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ބޭސްތައް ރާއްޖެ ގެނެސް ބޭސް ފިހާރަތަކުން ލިބޭ ގޮތް ހެދުމަށް ލާޒިމް ކުރޭ" ޖަލީލާ ވިދާޅުވިއެވެ.

ރާއްޖެއަކީ %100 އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން ބޭސް ހުސްވާ ވަގުތުން އެ ބޭސް އެތެރެ ނުކުރެވުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، ގިނަ ފަހަރު ދިމާ ގޮންޖެހުމަކީ ކާގޯއިން ބޭނުންވާ ޕްލޮޓް ނުލިބިގެން ކަމަށް ޖަލީލާ ވިދާޅުވިއެވެ. މި އަހަރުގެ ކުރީކޮޅު ބޭސް ނުލިބުނުގެ މައްސަލަ ހުރިނަމަވެސް ސިއްޙީ ވުޒާރާއާއި އެސްޓީއޯއާއި ގުޅިގެން ކުރަމުންދާ މަސައްކަތްކަތުން ބޭހުގެ މައްސަލަ ހައްލުވަމުން އަންކަމަށް ޖަލީލާ ވިދާޅުވިއެވެ.

ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.