ޚަބަރު

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބިލު މަޖިލީހަށް


އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.

"ރީ-އެމްޕްލޯއިމަންޓްގެ ބިލު"ގެ ނަމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ފޮނުވާފައިވަނީ ދައުލަތުގެ ވަޒީފާ އަދާކުރަމުންއަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާއި ދެމިތިބުމަށް އެދޭ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެގެން މަގާމަކަށްވެސް ހަމަޖެއްސިދާނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.

އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ ޤާނޫނަށް އަމަލުކުރަންފަާތާ 4 މަސް ދުވަހުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެއެވެ.

މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.