ކުޅިވަރު

އިސާކް އެވޯޑް ނައިޓަށްވެސް ނުދާނެތަ؟


ނިއުކާސަލް ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެފައި ހުރި ފޯވާޑް އެލެގްޒެންޑަރ އިސާކް، އިނގިރޭސި ފުޓްބޯލަރސް އެސޯސިއޭޝަނުގެ އެވޯޑް ނައިޓަށް ދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ މި އެވޯޑް ނައިޓަށް 24 ގަޑިއިރަށް ވީއިރު ވެސް އިސާކް އަންނާނެ ކަމުގެ ޔަގީންކަން ދީފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިއެކެވެ.

އިސާކް މި ވަގުތު ހުރީ ހަޅުތާލެއްގަ އެވެ. އޭނާ ބޭނުންވަނީ ނިއުކާސަލް ދޫކޮށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ބަދަލުވާށެވެ. ނަމަވެސް އޭނާ ގަތުމަށް ލިވަޕޫލުން ހުށަހެޅި 110 މިލިއަން ޑޮލަރުގެ ހުށަހެޅުން ނިއުކާސަލްއިން ވަނީ ގަބޫލުނުކޮށްފަ އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ ބުނީ މި މައްސަލަ ހަލު ކުރުމުގެ ބާރު އޮތީ ކުޅުންތެރިޔާގެ އަތްމަތީގައި ކަމަށެވެ. ނަމަވެސް ކުލަބު ބަދަލު ކުރަން ބޭނުންވެ އޭނާ ވަނީ ނިއުކާސަލް އަށް ކުޅޭށާއި ޓީމާއެކު ފަރިތަކުރަން ވެސް ދެކޮޅު ހަދައިފަ އެވެ.

މި މައްސަލާގައި ސްވިޑްގެ ގައުމީ ކޯޗު ޖޮންޑާލް ތޮމަސަން ވަނީ އިސާކަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކޮންމެ ކަމެއް ވެސް އަސްލު މަންޒަރު ސާފު ނުވެ ވަކި މީހަކު ކުށްވެރިކޮށްގެން ނުވާނެ ކަމަށެވެ. އަދި އިސާކް އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް ކަމަށާއި އޭނާގެ އަމަލުތައް ޕްރޮފެޝަނަލް މިންގަނޑުން ބޭރުނުވާނެ ކަމަށެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ މި މަހުގެ ފަހު ދުވަހު ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އިސާކް ގަތުމަށް ލިވަޕޫލުން 150 މިލިއަން ޑޮލަރު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ކޮންމެ އަގެއް ދިނަސް ކުޅުންތެރިޔާ ދޫކުރުގެ ހުރިހާ ބާރެއް އޮތީ ނިއުކާސަލް އަތްމަތީގަ އެވެ.