ޚަބަރު

އަބުރު ރައްކާތެރިކުރުމުގެ ބިލު ކޮމިޓީން ފާސްކޮށްފި


އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމާލީ މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި، ކޮމިޓީއަށް ޙާޟިރުވެވަޑައިގެން ކަމާބެހޭ ފަރާތްތަކުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށާއި، ބިލު މަޖިލީހަށް ހުށަހެޅުއްވިއިރު ފާހަގަކުރައްވާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. 

ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މިބިލަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި:

ޕޯޑިއަމްތަކުގައި ނުވަތަ ފަރުދުންނަށް ރައްދުކޮށް ދައްކާ ވާހަކަ ރިޕޯޓްކުރުމުގައި، ވާހަކަ ރައްދުވާ ފަރާތުގެ ބަހެއް ނުލިބިއްޖެނަމަ، އެ ޙާލަތުގައި ޢަމަލުކުރެވޭނެ ގޮތްތަކެއްކަމުގައި، އެފަރާތާ ގުޅުމަށް އެކަށީގެން މަސައްކަތެއްކުރުމަށްފަހު، އެ ޚަބަރެއް ރިޕޯޓް ކުރުމުގެ ފުރުޞަތު ލިބިދެވޭގޮތަށް ބިލަށްވާނީ ބަދަލުގެނެވިފައެވެ. އަދި ޚަބަރު ޝާއިޢުކުރާ ފަހުން، އެޚަބަރެއް ރައްދުވާ ފަރާތުން ރައްދެއް ޝާއިޢުކުރަން ބޭނުންވެއްޖެނަމަ، އެ ޚަބަރެއް ނުވަތަ ލިޔުމެއް އާންމުކުރި ފެންވަރުގައި އެފަރާތުންދޭ ރައްދުވެސް އާޢްމުކުރުމަށް ފުރުޞަތު ދެންޖެހޭގޮތަށް ކަނޑައަޅައި ބިލް ވަނީ ބަދަލުކޮށްފައެވެ.ވަގުތުން ގެނެސްދޭ އިވެންޓެއް ޓެލެކާސްޓްކުރާ ހިނދު ނުވަތަ ބްރޯޑްކާސްޓްކުރާ ހިނދު، އަބުރަށް އުނިކަމެއް އަންނަފަދަ ވާހަކައެއް ނުވަތަ ކަމެއް ހިނގައިފިނަމަ، އެކަމަށް ބްރޯޑްކާސްޓަރ ޒިންމާވާންޖެހޭނޭ ގޮތަށް އޮތުމުން، އެކަން ޙައްލުކުރުމަށްޓަކައި އަދި އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލަންވާނެ ކަމަށާއި، އެފަދަ އިވެންޓެއް މެދުކަނޑާލަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން އަންގަވައިފިނަމަ ވަގުތުން ހުއްޓާލަންވާނެކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ އިވެންޓެއްގައި އެމީހެއްގެ އަބުރާބެހެވޭ މީހާ އެދިއްޖެ ޙާލަތެއްގައިވެސް އެ ފަދަ ކޮންޓެންޓެއް ހިމެނޭނަމަ، އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން މެދުކަނޑާލަންވާނެކަމަށް ކަނޑައަޅައި ބިލް ބަދަލުކުރެވިފައިވެއެވެ.ފިލްމް، ޑްރާމާ ލަވަ އަދި އެ ފަދަ އެހެން އުފެއްދުންތައް އުފައްދާ ފަރާތްތަކުން ހެޔޮނިޔަތުގައި އަދި ވަކި ފަރާތަކަށް ނިސްބަތްނުކޮށް އުފައްދާ އުފެއްދުންތަކުން، މި ޤާނޫނާ ޚިލާފުވެވެދާނޭ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވާތީ، އެ ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މިފަދަ އުފެއްދުންތައް އުފައްދާ ފަރާތްތަކުން އެ އުފެއްދުމުގައި "ޑިސްކްލެއިމަރ" އެއް ހިމެނުމުން މި ބިލުގެ ތެރެއިން ޙައްލު ލިބޭގޮތަށް ބިލް ބަދަލުކުރެވިފައިވެއެވެ. މި ބިލާ ބެހޭގޮތުން ފާޅުކުރެވުނު ޚިޔާލުތަކުގެ ތެރެއިން، ބަދަލުނުކުރެވޭ ބައިތަކުގެ ތެރޭގައި، ހިމެނެނީ ދިފާޢަކީ މައްސަލަ ރައްދުވާ ފަރާތުން ސާބިތުކޮށްދޭންޖެހޭ އެއްޗެއްކަމުގައި އޮތްއޮތުން ބަދަލުނުކުރުމާއި، އަދި ޖުރިނަމާ ދެއްކުމަށްފަހު ނޫނީ މައްސަލަ ޝަރީޢަތަށް ނުދެވޭގޮތަށް އޮންނަ އޮތުމުގެ މަފްހޫމެވެ.އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމާލުމަށްފަހު ދެން އޮންނާނީ މަޖިލީހުން ތަޅުމުން މިބިލާއި މެދު ގޮތެއް ނިންމުމެވެ.