އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ހިމަންދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ޒަމާނުއްސުރެ އއ. ހިމަންދޫގައި އޮތީ ރަށުގެ ރައްޔިތުން އަމިއްލައަށް އަޅާފައި އޮތް ނަރުދަމާއެކެވެ. މި ނަރުދަމާ ނިޒާމު ބޭނުންނުކުރާ ގެތައް މަދުނަމަވެސް މިހާތަނަށްވެސް ރަނގަޅު ފެންވަރުގެ ނަރުދަމާ ނިޒާމެއްގެ އިތުރަށް ފެނުގެ ނިޒާމެއްވެސް ނެތެވެ.
ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، .އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާފައިވެއެވެ. ހަމައެއާއެކު ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ޚިދުމަތް ވަނީ ގުޅާފަވެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކޮށް، 956 މީޓަރގެ ޕަންޕިން ލައިނެއް އަޅާފައިވެއެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.